ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލީހުގެ ދަފްތަރުން ވަކިކުރާނީ އަމިއްލައަށް އެކަން މަޖިލީހަށް އެންގުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފައި ވަނިކޮށް، ނަޝީދު ފެކްޝަނަށް ނިސްބަތްވާ އިތުރު 12 މެންބަރަކު ވަނީ އެމްޑީޕީން އަމިއްލައަށް އިސްތިއުފާ ދީފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެމްޑީޕީން އާޒިމް ވަކި ކުރި ކަމާއި އިތުރު 12 މެންބަރަކު އެމްޑީޕީން ވަކިވި ކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
"މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މި ދެންނެވި 12 ބޭފުޅުން އަދި މަޖިލީހަށް ލިޔުއްވާން އެބަ ޖެހޭ އެމްޑީޕީން ވަކިވި ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގައި އޮންނަ ޕާޓީ ދަފްތަރަށް ބަދަލު ގެންނާނީ އެގޮތަށް ލިޔުއްވުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 36 ވަނަ މާއްދާގައި ބުނާ ގޮތުގައި މެންބަރަކު ވަކިވާނަމަ އެކަން އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ އެވެ.
ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މެންބަރުން އެމްޑީޕީން ކެނޑިފައިވަނީ އާ ޕާޓީއެއް ހެދުމަށެވެ. އެހެންނަމަވެސް, މިހާތަނަށް ނަޝީދު އެ ޕާޓީން އިސްތިއުފާ ދީފައިނުވެ އެވެ.












