ރިޔާސީ އިންތިހާބު ކައިރިވާ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަންވެ ވަޑައިނުގަންނަވާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އާއްމު މެމްބަރުންގެ މާޔޫސްކަމާ އެކު ސުވާލު އުފައްްދާތީ ޔާމީނުގެ ވަކީލުންގެ ޓީމުގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ޖަމީލު ވިދާޅުވީ ޔާމީނު މިނިވަންވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ. ޕީޕީއެމްޕީއެންސީގެ ލީޑަޝިޕަށް އެ އިތުބާރު އެބަ އޮތް ކަމަށާއި އާއްމު މެމްބަރުންގެ ވެސް އެ ޔަގީންކަން އޮންނަން އެބަ ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންނާ ދޭތެރޭގައި ބައެއް ފަހަރު ހިތްހަމަނުޖެހުން އެބަ އޮތް. ތިޔަ ބޭފުޅުންނާ ދޭތެރޭ، ތިޔަ ބޭފުޅުންނާ ދޭތެރޭ. ސަބަަބަކީ އަޅުގަނޑު ހަމަ ދިމާވާ ކޮންމެ ފަހަރަކު ވަރަށް މާޔޫސްކަމާ އެކީގައި ބައެއް ބޭފުޅުންގެ ލޮލުން ކަރުނަ އައިސް [އެބަ ސުވާލުކުރޭ] ޖަމީލު ދެން ވާނީ ކިހިނެތް ހެއްޔޭ؟" ހާސްކަމާ އެކު ސުވާލުކުރާ ގޮތް އަޑާއި ރާގުން ތަމްސީލުކުރައްވަމުން ޖަމީލު ވިދާޅުވި އެވެ.
ޖަމީލުގެ ވާހަކަ އިން އެނގުނު ގޮތުގައި ޔާމީނު މިނިވަން ނުވުމުގެ ސަބަބުން ޕީޕީއެމްޕީއެންސީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވެދާނެ ކަމުގެ ކަންބޮޑުވުން ވެސް އާއްމު މެމްބަރުންގެ އެބަ އޮތެވެ. އެކަމާ ނުރުހުން ފާޅުކުރައްވަމުން ކޯފާގެ ރާގެއްގައި ވިދާޅުވީ "ޔާމީނަށް މިހާރު ޖެހިވަޑައިގަންނަވާ ތަކުލީފަކީ" ކާމިޔާބު ވާނެ ކަމުގެ އަލާމާތެއް ކަމަށެވެ.
"ބަލަގަ މިކަން ވާތީ މިކަމުގެ ނިޝާނެއް ހަގީގަތުގައި ރައީސް ޔާމީނަށް މި ތަކުލީފު އައުން،" އޭނާ ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވި ގޮތުގައި ކޮންމެ ކޮންމެ މީހަކާ ދެކޮޅަށް ބޮޑެތި ދައުވާތައް ނޫފުލަނީ އެމީހުންނަކީ ސަރުކާރަށް ބިރަކަށް ނުވާތީ އެވެ. ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ގޮތުން އުފުލި ދައުވާތަކެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
ޔާމީނު މިނިވަން ކުރުމަށްޓަކައި އެމަނިކުފާނުގެ ގާނޫނީ ޓީމުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވެދާނެތޯ އަތޮޅުތަކުގައި ތިބި މެމްބަރުން ސުވާލު އުފައްދާތީ އެއީ ވަރަށް ބޮޑު މައްސަލައަކަށް ވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ މި އިތުބާރު ފުރަތަމަ އަޅުގަނޑުމެން އޮންނަން އެބަ ޖެހޭ. ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް، ތިޔަ ބޭފުޅުންނަށް، އަޅުގަނޑުމެން، އަޅުގަނޑުމެން އެންމެންގެ އެ އިތުބާރު އެބަ އޮތް،" ޖަމީލު ވިދާޅުވި އެވެ.
އެ ގޮތަށް ދެއްވާ ޔަގީންކަން އާއްމު މެމްބަރުން ގަބޫލުނުކުރާ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ. އެ ކަންބޮޑުން ވެސް ފާޅުކުރެއްވީ ގަބޫލު ނުކޮށް ވާހަކަ ދައްކާ ގޮތް ސިފަކުރައްވަމުންނެވެ.
"އަޅުގަނޑު މިހެން ދެންނެވީމާ ތިޔަ ބޭފުޅުން ވިދާޅުވާނެ ޖަމީލު ހަމަ އެހެން ވިދާޅުވަނީ[އޭ]، ހަމަ ހުރެފައި ކޮންމެ ދުވަހަކުން އެހެން އެބަ ބުނޭ،" ޖަމީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔާމީނު މިނިވަންވެވަޑައިގަންނަވާނެ ވާހަކަ އަކީ އޭނާ އަމިއްލަފުޅަށް ދައްކަވާ ވާހަކައެއް ނޫނެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަަށްދާ ރ،ފުއްގިރި މައްސަލައިގައި ހެކި ބަލައިގަތުމާ ބެހޭ ގޮތުން އެކޯޓާއި ހައިކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމުން ސުޕްރީމްކޯޓުން ކުރި ހުކުމުން "ބުނެދޭ" ވާހަކަ އެކެވެ.
އެހެން ވިދާޅުވެ، ސުޕްރީމްކޯޓުގެ ނިންމުން އޭނާ ވަރަށް ތަފްސީލުކޮށް ތަރުޖަމާ ކޮށްދެއްވި އެވެ.












