ވެރިކަމުގައި ހުންނެވިއިރު ރ. ފުއްގުރި ކުއްޔަށް ދޫކުރުމަށް ރިޝްވަތު ނަންގަވައި އެ ފައިސާ ބޭނުން ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގެ ހެކިތަކާ ގުޅޭ ގޮތުން ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމުން އެކަމަށް ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގައި މިރޭ ޝަރީއަތެއް ތާވަލުކޮށްފި އެވެ.
ފުއްގިރި މައްސަލައިގެ ޝަރީއަތް މިހާރު ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން މިރޭ ހުކުމެއް ކުރުމުގެ ކުރިން އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ނުގެންދިއުމަށް މަތީ ކޯޓުން އޮތީ އަމުރެއްކޮށްފަ އެވެ.
އެ މައްސަލައިގައި ހުކުމް ކުރުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގަ އެވެ. ފުއްގިރި މައްސަލައިގައި ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކުރެ އެވެ.
ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރައްވަމުންދާ ޔާމީން މިރޭގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވި އެވެ.
އެ މައްސަލަ ދަށު ކޯޓުގައި ފެށުމުގެ ކުރިން ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށާއި ބައެއް ސިއްރު ހެކިތައް ހާމަ ކުރުމަށް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ. ނަމަވެސް ކޯޓުން އެކަންކަން ބަލައިގަނެފައެއްނުވެ އެވެ. އިސްތިއުނާފު ކުރަނީ ޔާމީންގެ ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ބަލައިނުގަތީ ގޯސްކޮށް ކަމަށް ބުނެ އެވެ.

ދައުލަތުން އެ މައްސަލައިގައި ކުރާ ދައުވާގައި ބުނަނީ ފުއްގިރި ކުއްޔަށް ދޫކުރުމަށް ރިޒާ އަތުން ޔާމީން 1،117،000 ޑޮލަރު ނެންގެވި ކަމަށެވެ. އަދި ރިޝްވަތުގެ ގޮތުގައި ނެންގެވި ފައިސާ ސަންގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމަށް ވެސް ދައުލަތުން ބުނެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން އަރުވާފައިވާ ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.











