ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އެ ޖަރީޒާތަކާއި ރާއްޖެއާ ދެެމެދު ކަނޑުގެ ސަރަހައްދީ ރޮނގު ބެހުމުގައި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމަށް ތުހުމަތުކޮށް، އިދިކޮޅު ފަރާތްތަކުން އުފެއްދި ކޯލިޝަަނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތާއީދު ނުކުރައްވާކަން އެނގިއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން "އަދަދު" އަށް މައުލޫމާތު ދެއްވި ގޮތުގައި އިދިކޮޅު ކޯލިޝަނުގައި ޖުމްހޫރީ ޕާޓީ ތަމްސީލުކުރެއްވުމުގެ ނަމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ގާސިމް އެކަމަށް ތާއީދެއް ނުކުރައްވަ އެވެ. އެ މައްސަލާގައި ރައީސް އަޒުލުކުރުމަށާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅަން ވެސް ގާސިމް ތާއީދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކޯލިޝަނަށް އަދި އެ ކޯލިޝަނުން ކުރާ މަސައްްކަތަށް ގާސިމް ތާއީދުކުރައްވާ ނަމަ ޖޭޕީ ތަމްސީލުކުރައްވާނީ މެމްބަރު އަލީ ހުސައިނެއް ނޫން. ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި އިލްހާމް އަހުމަދު ނުވަތަ އަބްﷲ އަމީން ނޫނީ އެހެން އެޑްވައިޒަރެއް ޖޭޕީ ތަމްސީލު ކުރައްވާނީ،" އޭނާ ވިދާޅުވި އެވެ.
ޗާގޯސް މައްސަލާގައި އިދިކޮޅާ އެކު މަސައްކަތް ކުރުމާ މެދު ޖޭޕީގެ ކައުންސިލުން ގޮތެއް ނުނިންމަ އެވެ. އެ މައްސަލަ ޖޭޕީގެ ކައުންސިލަށް ހުށަހަޅައިފައެއް ވެސް ނުވެ އެވެ.
ޗާގޯސް މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމަށް ކަނޑައަޅަން އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމަށް ކަނޑައަޅަން ވެސް މައްސަލައެއް ހުށަހެޅުމަށް ފަހު މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.














