ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ފަހު ނެގި ޗުއްޓީ ނިމި، މި ހަފުތާގެ ބުރާސްފަތި ދުވަހު މިއަހަރުގެ ދެވަނަ ދައުރު ފަށަން ތާވަލުކޮށްފި އެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި ދެ ހަފުތާގެ ޗުއްޓީއަކަށް ދިޔައީ އެޕްރީލް 27, ގަ އެވެ. އެ ދުވަހު ނެގި ޗުއްޓީގެ ދެ ހަފުތާ ނިމިފައި ވާތީ ޖަލްސާތައް އަލުން ފަށަނީ ކޮން އިރަކުންތޯ ސުވާލުކުރުމުން މަޖިލީހުގެ ޑިރެކްޓަރް އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު ވިދާޅުވީ ބުރާސްފަތި ދުވަހު ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނެ ކަމަށެވެ.
ޖަލްސާތައް އަލުން ފަށާއިރު މަޖިލީހަށް ބޮޑެތި މައްސަލަތަކެއް ވައްދަން އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން އަންނަނީ މަސަައްކަތް ކުރަމުންނެވެ. އެފަދަ އެއް މައްސަލައަކީ ރައީސް އިބްރާހީމް މުހަައްމަދު ސޯލިހު އަޒުލުކުރަން ހުށަހަޅަން އުޅޭ މައްސަަލަ އެވެ. ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެގައުމާ ދެމެދު ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލައާ ގުޅުވައި ހުށަހަޅަން އުޅޭ އެ މައްސަލައަށް ސޮއި ހަމަކުރަން އިދިކޮޅުން ވަނީ މަސައްކަތް ފަށައިފަ އެވެ.
މި ދައުރު ފެށުމާ އެކު ކުރިއަށް ގެންދާނެ ކަމަށް ބެލެވޭ ބޮޑު އަނެއް ކަމަކީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މެމްބަރުންނަށް ފިޔަވަޅު އެޅުމެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިންތަކާ ތަކުރާރުކޮށް ހިލާފުވާތީ އެ ފެކްޝަނުގެ މެމްބަރުން، މަޖިލީހުގެ ކޮމިޓީތަކުން އެމްޑީޕީއަށް ލިބިފައިވާ ސްލޮޓްތަކުން މި ދައުރުގައި ވަކިކުރާނެ ކަމަށް ބެލެވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޒުލުކުރަން އިދިކޮޅުން ހުށަހަޅާ މައްސަލައަށް ތާއީދުކޮށް، އެކަމަށް ސޮއި ދީފި ނަމަ އެމެމްބަރުން ޕާޓީން ވަކިކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

މި ކަންތައްތައް ކުރިއަށް ދާއިރު މަޖިލީހުގެ ޖަލްސާތަކުގައި ހޫނު ބަހުސްތަކެއް ހިނގާނެ ކަމަށް ބެލެވެ އެވެ.












