ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ނިންމުންތަކުގެ އިސްތިއުނާފުގެ ހުކުމް ކުރުމަށް މިއަދު ތާވަލުކުރާ ގޮތަށް އޮތް ނަމަވެސް ހުކުމް ކުރުން އެހެން ދުވަހަކަށް ފަސްވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ބައެއް ހެކި ބަލައިނުގަތުމަށާއި ދައުލަތުގެ ބައެއް ހެކިތައް ސިއްރުނުކޮށް ހާމަކޮށްދިނުމަށް އެދި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ. ނަމަވެސް, ޔާމީން އެދުނު ގޮތަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނުނިންމެވި އެވެ. އަދި ހައި ކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ދަމަހައްޓައިފަ އެވެ.
ޔާމީންގެ އިތުރުން މި މައްސަލާގައި ދައުވާކޮށްފައިވާ ކްރިކް ރިޒާ ވެސް ވަނީ ހެކިތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ކަނޑައަޅައި، އަދި ހައި ކޯޓުން ދަމަހައްޓާފައިވާ ނިންމުންތަކެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ހުކުމް ކުރުމަށް މިއަދުގެ ތާރީހު ދެއްވައިފަ އެވެ.

ނަމަވެސް, ސުޕްރީމް ކޯޓުގެ މިއަދުގެ ތާވަލަކު އެ މައްސަލައެއް ނެތެވެ. ސުޕްރީމް ކޯޓުގެ ބަހެއް ނުލިބޭތީ ތާޥަލުނުކުރި ސަބަބެއް ސާފެއް ނުވެ އެވެ. މިއަދު ހުކުމް ކުރުމަށް ތާވަލުގައި ނެތް އިރު، ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސައިލުމަށް ވެސް ސުޕްރީމް ކޯޓުން އަންގާފައިވަނީ މިއަދުގެ ނިޔަލަށެވެ.
އަޑުއެހުން ތާވަލުނުކުރާ ކަން ދައުލަތް ތަމްސީލްކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ކަށަވަރުކޮށްދެއްވި އެވެ. ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "އަދަދު" ނޫހަށް ވިދާޅުވީ ސުޕްރީމް ކޯޓުން ނޯޓިސް ލިބިފައި ނުވާ ކަމަށެވެ.
"ވަގުތީ އަމުރުގެ މުއްދަތު ވެސް މިއަދަށް ހަމަވާނެ، އެހެން ވިޔަސް ބެލެވެނީ އެ މުއްދަތު ސުޕްރީމް ކޯޓުން އިތުރުކޮށްދެއްވާނެ ކަމަށް، ސުޕްރީމް ކޯޓަށް ހުކުމް ކުރުމަށް ގާނޫނުން ލިބޭ މުއްދަތު ވެސް ހަމަވަނީ ބުރާސްފަތި ދުވަހަށް،" ޝަފީއު ތަފްސީލްކޮށްދެއްވި އެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ޝަރީއަތުގެ މަރުހަލާ ވަނީ ފަށައިފަ އެވެ. ޝަރީއަތް ފެށުމުގެ ގޮތުން ހުރިހާ ދައުވާތަކާ ގުޅޭ ގޮތުން އިފްތިތާހީ ބަޔާން ވެސް އިއްވާފައިވެ އެވެ. އެ ޝަރީއަތް މަޑުޖައްސައިލުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރުނު އިރު، ހެކިބަސް ނެގުމަށް އަޑުއެހުންތައް ވެސް އޭރު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތެވެ.
މައްސަލައިގެ ފަސްފަހަތް؛
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން އަރުވާފައިވާ ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.













