އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއިން އެއް މިލިއަން ރުފިޔާ އަދިވެސް ނުދައްކާ އޮތް މައްސަލަ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އުފުލުނު ދެ ދައުވާއަކަށް ކޮންމެ ދައުވާއަކަށް އެއް މިލިއަން ރުފިޔާއިން އަދީބު ޖޫރިމަނާކުރި އެވެ. މި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާ ހަލާސްކުރުމަށް ދިނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.
މި މައްސަލަ އޭޖީއިން މިހާރު ސިވިލް ކޯޓަށް ހުށަހަޅާާފައިވާއިރު، މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ޕްރޮޕޯސަލް ހުށަހަޅަން އަަދީބުގެ ފަރާތުން އެދިފައި އޮތުުމުން އެ ފުރުސަތު ދިނެެވެ.
އަދީބުގެ ފަރާާތުން އެދިފައި ވަނީ ކޮމިޓްމެންޓުގެ ގޮތުގައި ފުރަތަމަ އެއްލައްކަ ރުފިޔާ ހުށަހެޅުމަށް ފަހު، ކޮންމެ މަހަކު 20،000ރ. ގެ މަގުން އެ ޖޫރިމަނާ ދައްކާ ހަލާސްކުރުމަށެވެ.
މިއަދުގެ އަޑުއެހުމުގާ ދައުލަތުން ވަނީ ކޮމިޓްމެންޓުގެ ގޮތުގާ ދެލައްކަ ދެއްކުމަށް ފަހު ބާކީ ބައި 36 މަހަށް ބަހާލައިގެން ދެއްކިދާނެ ކަމަށާއި، މި ފުރުސަތު ދެވޭނީ ކޮމިޓްމެންޓު ފީގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދައްކާ ނަމަ ކަމަށް ބުނެފަ އެވެ. އަދީބުގެ ފަރާތުން ވަނީ މަޝްވަރާކުރުމަށް ފަހު އަލުން ޕްރޮޕޯސަލެއް ހުށަހެޅުމުގެ ފުރުސަތަށް އެދިފަ އެވެ.

އަދީބު ޖޫރިމަނާ ފައިސާގެ ދެބައިކުޅަ އެއްބައިކަމަށްވާ އެއްމިލިއަން ރުފިޔާ ނުދައްކާ އޮތުމުން އޭޖީ އޮފީހުން މީގެ ކުރިންވެސް ކޯޓަށް ދިއުމަށް ނިންމި އެވެ. އެހެން ނަމަވެސް, ސުޕްރީމް ކޯޓުގައި އޭރު ހިނގަމުން ދިޔަ އިސްތިއުނާފް މަރުހަލާގެ ޝަރީއަތުގައި ޖޫރިމަނާ ފައިސާގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރަން އަމުރު ނެރުނެވެ.













