ބީއެމްއެލްގެ 40 ވަނަ އަހަރީ އާންމު ޖަލްސާ، މި މަހުގެ 29 ވަނަ ދުވަހުގެ ރޭ 8:30 ގައި އިސްލާމީ މަރުކާޒު ހޯލުގައި ބާއްވަން އިއުލާނު ކޮށްފި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި ޖަލްސާ ގައި ބައިވެރިވެވޭނީ މި މަހުގެ 21 ގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ހިއްސާދާރުންނަށެވެ. އަދި, މި ޖަލްސާ ކުރިއަށް ދާނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ޖަލްސާގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންކަން
- ޖެނުއަރީ 10, 2023 ގައި ބޭއްވުނު ބޭންކުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
- ޑިސެމްބަރު 31, 2022 ގައި ނިމުނު އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުން.
- 2022 ގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން.
- 2022 އަށް ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުން.
- 2023 އަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން.
- ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިހާބުކުރުން.
- ހިއްސާދާރުންގެ ހިޔާލު ފާޅުކުރުން.
އަހަރީ އާންމު ޖަލްސާގައި ހާޒިރުވެ އަދި އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުންނަށް މެއި 10, 2023 ވާ ބުދަ ދުވަހުން ފެށިގެން މެއި 27, 2023 ވާ ހޮނިހިރު ދުވަހުގެ 20:30 ގެ ނިޔަލަށް ޕްރ-ީރަޖިސްޓަރީ ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމުތައް ބީއެމްއެލްގެ ވެބްސައިޓުން ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ބީއެމްއެލް އަށް ލިބިފައިވެ އެވެ. އޭގެއިތުރުން 2022 ގައި ބީއެމްއެލްގެ އެސެޓަށް ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށާއި، ކަސްޓަމަރުން ޑިޕޮސިޓް ކުރި އަދަދު 1.8 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެ އެވެ.














