ނިމިދިޔަ 2022 ވަނަ އަހަރުގެ ފަހު ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 212 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ.
އެ ބޭންކުން މިއަދު ބުނި ގޮތުގައި މާލީ ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ބީއެމްއެލް އިން ބުނެފައިވަނީ މި ނަތީޖާ އެ ބޭންކަށް ހާސިލް ކުރެވިފައިވަނީ ހުރިހާ ދާއިރާއަކުން ވެސް ލިބިފައިވާ ކުރިއެރުން ދެމެހެއްޓިގެން ކަމަށެވެ.
މީގެއިތުރުން 2022 ވަނަ އަހަރު ބީއެމްއެލްގެ އެސެޓަށް ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށާއި، ކަސްޓަމަރުން ޑިޕޮސިޓް ކުރި އަދަދު 1.8 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެ އެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު ދޫކުރި ލޯންތަކުގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން އާންމު ފަރަދުންނާއި ވިޔަފާރިތަކަށް 4.3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.
ވޭތެވެދިޔަ އަހަރުގެ މާލީ ފައިދާއާ ގުޅޭ ގޮތުން އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ހާސިލްކުރެވިފައިވާ ހަރުދަނާ ނަތީޖާއަށްފަހު ކުރިއަށް މިއަހަރު އެ ބޭންކުގެ ސްޓްރެޓަޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެބޭފުޅާ ވަނީ ބީއެމްއެލްގެ ކަސްޓަމަރުންނާއި، ބޯޑު ޑިރެކްޓަރުންނާއި، އެ ބޭންކުގެ ޓީމަށް ޝުކުރު ދަންނަވާފަ އެވެ.

"2022 ވަނަ އަހަރަކީ ބޭންކަށް ވަރަށްްވެސް ހާއްސަ އަހަރެއް. އެއީ ބޭންކަށް 40 އަހަރު ފުރުން ފާހަގަކުރި އަހަރު. ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހަރަކާތެއް ހިންގައި، ޖުމްލަ 12 ހަރަކާތެއް މިވަނީ ހިންގާފައި. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަކަށް އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ހިންގުނު ބޭނުންތެރި އަދި މުހިންމު ހަރަކާތްތަކެއް. މީގެ ތެރޭގައި ތައުލީމާއި ތިމާވެށީގެ އިތުރުން ސިއްހީ ދާއިރާ ހިމެނޭ," ސްޓުމްކަ ވިދާޅުވި އެވެ.
މީގެއިތުރުން ބޭންކުން ބުނެފައިވަނީ މުޅި ރާއްޖޭގައި ހިމެނޭ ބޭންކިން ވިއުގަޔާއެކު 20 އަތޮޅުގައި 35 ބްރާންޗާއި، 84 ސެލްފްސާވިސް ބޭންކިން ސެންޓަރު، 142 އޭޓީއެމް، 7،900 ޕީއޯއެސް މާޗަންޓުންނާއި 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒާމާނީ އޮންލައިން ބޭންކިން މިއަދާ ހަމައަށް ގާއިމުކޮށްފައިވާ ކަމަށެވެ.












