މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި 324 މިލިއަން ރުފިޔާ ލިބުމުން ހިއްސާދާރުންނަށް 32 މިލިއަން ރުފިޔާ ބަހަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފި އެވެ.
އެމްޓީސީސީން މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ރެކޯޑު ކުރި 324 މިލިއަން ރުފިޔާއަކީ މިހާތަނަށް އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާ އެވެ. ހިއްސާދާރުންނަށް 32 މިލިއަން ރުފިޔާ ބަހަން ނިންމުމުން އެއީ ވެސް މިހާތަނަށް ހިއްސާއަކަށް ބެހި އެންމެ ބޮޑު އަދަދަށް ވާނެ އެވެ.
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ނިންމީ 2022 ވަނަ އަހަރު ހިއްސާދާރުންގެ ފައިދާގެ ގޮތުގައި ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް ހަތަރު ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށެވެ. އެއީ ހިއްސާދާރުންގެ ފައިދާގެ ގޮތުގައި ޖުމްލަ 32 މިލިއަން ރުފިޔާ އެވެ.
ނިމިދިޔަ އަހަރު އެމްޓީސީސީން 324 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދީ, 2.47 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެންނެވެ. އޭގެ ކުރީ އަހަރު 1.97 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 319 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީން އިތުރަށް ބުނީ މިހާތަނަށް ލިބުނު އެންމެ ބޮޑު ފައިދާ 2022 ވަނަ އަހަރު ލިބުނު ނަމަވެސް, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ބޭރު ފައިސާ ހޯދަން ކުރަން ޖެހުނު ހަރަދު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ, އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15 ޕަސަންޓު ދަށް ވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޓީސީސީން ބުނީ މިދިޔަ އަހަރު އެ ކުންފުނިން އުމްރަނީ ތަރައްގީގެ އާ 65 މަޝްރޫއުއާ ހަވާލުވެ, 42 މަޝްރޫއެއް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އަދި އާރްޓީއެލް ފެރީއާއި ބަހާއެކު ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދެވުނު ކަމަށެވެ.
މީގެ އިތުރުން, އިޖުތިމާއީ ޒިންމާގެ ދަށުން 420 ހަރަކާތެއް ހިންގާ, މުޖުތަމައުގެ ލާބައަށް ޖުމްލަ 43 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.












