ހިލަވެލި ބަރުކޮށްގެން ދެ މީހުންނާއެކު ބ. ދަރަވަންދޫއަށް ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ކ.ގާފަރުގައި މަޑުކުރުމަށްފަހު، އިއްޔެ ހެނދުނު 10:40 ހާއިރު ދަރަވަންދޫއަށް ފުރި "ޖަންބޯ" ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ އިއްޔެ 11:35 ހާއިރު ކަމަށެވެ.
ދިގުމިނުގައި 65 ފޫޓު ހުންނަ މި ދޯންޏާ ވައްތަރު އުޅަނދެއް އިއްޔެ 13:00 އާއި 13:30 ދެމެދުގެ ވަގުތެއްގައި ކާށިދޫ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަ މޭލު ބޭރުން ފެނުނު ކަމަށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހަވީރު 18:03 ހާއިރު އެވެ.
އެއަށް ފަހު ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް، މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.











