ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ހައްޖުގެ އަޅުކަން ކުރެއްވުމަށް ފަހު، އެއާޕޯޓުން މާލެ ވަޑައިގަންނަވަނިކޮށް ދަތުރު ކުރައްވަމުން ގެންދެވި "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާގައި ދައުވާ ކުރުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް ދައުލަތުން ބުނެފި އެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި، އެމަނިކުފާނުގެ ބައެއް ބޮޑީގާޑުންނަށް ވެސް އެކި ވަރުގެ ޒަހަމްތައް ލިބުނު އެ ހާދިސާއާ ގުޅިގެން އޭރު އެމަނިކުފާނުގެ ނައިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބުގެ މައްޗަށް ދައުވާ ވެސް ކުރި އެވެ. ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް މައްސަލަ އަލުން ބަލަން އަންގައި ހައި ކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.
މި ހާދިސާގެ ވާހަކަ އަލުން ދެކެވުނީ، ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ފ. ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.
އެ ހިޔާނާތުގެ މޭސްތެރިޔާ ކަމަށް އަމިއްލައަށް ވެސް އެއްބަސްވެފައިވާ އަދީބާއެކު، ދައުލަތުން ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމަށް ފަހު ލޯންޗު ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާ ދައުލަތުން އަނބުރާ ގެންދިޔައީ އެއްބަސްވުމުގެ ދަށުން ކަމަށް ބެލެވޭ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވީ އެވެ.
އެ ކަމާ ގުޅިގެން ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މައްސަލަ މިހާރު އޮތް ހިސާބެއް ސާފުކޮށްދިނުމަށް ދައުލަތަށް އަންގަވައިފަ އެވެ.

ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ "އެ މައްސަލާގައި މި ވަގުތު އެއްވެސް މަސައްކަތެއް ނުހިނގާ" ކަމަށެވެ. ނަމަވެސް މައްސަލަ ފަހުން އޮތް ހިސާބަކާއި ދައުލަތުގެ ސްޓޭންޑް ޖެހޭނީ ސާފުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު އެ ޖަވާބު ދެއްވުމުން ފަނޑިޔާރު ސުއޫދު ވަނީ "މައްސަލަ އޮބުނީތޯ" ވެސް އައްސަވައިފަ އެވެ. ފަނޑިޔާރު ދެތިން ފަހަރު މަތިން އެ ސުވާލު އަމާޒުކުރެއްވުމުން ވަކީލު ޝަފީއު ތަކުރާރުކޮށް ވެސް ވިދާޅުވީ ދައުލަތުގެ ސްޓޭންޑް އޮތް ގޮތެއް އޭނާ ސާފުކުރެއްވުމަށް ފަހު ހިއްސާ ކުރައްވާނެ ކަމަށެވެ.
ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލަ މި ސަރުކާރުން ތަހުގީގު ނުކުރާނެ ކަމަށް މީގެ ކުރިން ވެސް ޔާމީން އެކި ފޯރަމްތަކުގައި ވިދާޅުވެފައިވެ އެވެ. އަދި ދައުލަތާއެކު އަދީބު ހަދަފާއިވާ އިއުތިރާފު އެއްބަސްވުމުގައި އެ މައްސަލަ ކުރިއަށް ނުގެންދިޔުމުގެ އެއްބަސްވުންތަކެއް ހިމެނޭ ކަމަށް މީގެ ކުރިން ވެސް ޔާމީން ތުހުމަތުކުރައްވާފައިވެ އެވެ.












