ހަތްދިހަ އަހަރަށް ފަހު އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް ބޭއްވި ކޮރޮނޭޝަން ނުވަތަ ތަހުތަށް ވެޑުއްވުމުގެ ރަސްމިއްޔާތުގައި ދިވެހި ސިފައިން ބައިވެރިވެއްޖެ އެވެ.
އިނގިރޭސި ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަމްޒީ ތާޖު އެޅުވި ރަސްމިއްޔާތުގެ ހާއްސަ ޕެރޭޑުގައި ދިވެހި ސިފައިންގެ 10 އޮފިސަރުން ބައިވެރިވި އެވެ. އޭގެ ތެރެއިން ތިން ސިފައިންނަކީ އަންހެނުންނެވެ.
ޕެރޭޑުގައި ބައިވެރިވި މޭޖާ އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ކޮމަންވެލްތުގެ ގައުމަކަށްވާއިރު، މިފަދަ ރަސްމިއްޔާތެއްގައި ބައިވެރިވެ ގައުމު ތަމްސީލު ކުރަން ލިބުމަކީ ރާއްޖެއަށް ވެސް ޝަރަފެއް ކަމަށެވެ.
ރާއްޖޭގެ އިތުރުން ކޮމަންވެލްތަށް ނިސްބަތްވާ ގައުމުތަކުގެ އަސްކަރިއްޔާތަކުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

މިއީ 1000 އަށް ވުރެ ގިނަ އަހަރުވީ އިނގިރޭސި ތަހުތަށް ވެޑުއްވުމުގެ ސަގާފަތުގައި ދިވެހި ސިފައިން ބައިވެރި ފުރަތަމަ ފަހަރެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ދިވެހި ސިފައިން -- ފޮޓޯ: އެމްއެންޑީއެފް
ލަންޑަންގެ ވެސްޓްމިންސްޓާ އަބޭގައި ކުރިއަށް ދިޔަ އެ ތާރީހީ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި 2،300 އަށް ވުރެ ގިނަ މެހެމާނުން ބައިވެރިވި އިރު އޭގެ ތެރޭގައި އެކި ގައުމުތަކުގެ ޝާހީ އާއިލާތަކުގެ މެމްބަރުންނާއި ސިޔާސީ ލީޑަރުން ހިމެނެ އެވެ.
ހަތްދިހަ އަހަރުގެ ރަނިކަމަކަށް ފަހު މަންމާފުޅު ކުއީން އެލިޒަބަލް އަވަހާރަވުމުން އުމުރުފުޅުން 74 އަހަރުގައި ރަސްކަމާ ހަވާލުވެވަޑައިގެންނެވި ޗާލްސްއަކީ ތަހުތާ ހަވާލުވެވަޑައިގެންނެވި އެންމެ އުމުރުން ދުވަސްވީ ވެރިޔާ އެވެ. ޗާލްސްއަކީ މިހާރު އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ 14 ގައުމެއްގެ އެންމެ މަތީ ވެރިޔާ އެވެ.
މިއީ މީލާދީން 1066 ވަނަ އަހަރަށް ފަހު ވެސްޓްމިންސްޓާ އަބޭގައި އިނގިރޭސި ތަހުތަށް ވެޑުއްވުމުގެ ރަސްމިއްޔާތެއް ބޭއްވި 40 ވަނަ ފަހަރެވެ.












