މިއަދު ހެދުނު ގެއްލިގެން ހޯދަންފެށި މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ސަވާރީ ބޯޓުގެ ފަޅުވެރިން ކަނޑުވެފައި ތިއްބާ ސިފައިން ކޯސްޓްގާޑުގެ ލޯންޗެއްގައި ނިކުމެ ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފްއިން ބުނީ ސަވާރީ ބޯޓުގައި ތިބީ ހަ ފަޅުވެރިން ކަމަށާއި އެ އެންމެން ވެސް ކަނޑުމަތިން ސަލާމަތްކޮށްފައިވާ ކަމަށެވެ. ބޯޓު އޮތީ އަޑިއަށް ގޮސްފަ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ.
"ދަތުރުކުރި ބޯޓް އަޑިއަށް ގޮސްފައިވާކަމަށް ކެޕްޓަންވަނީ މަޢުލޫމާތުދީފައި،" ސިފައިންގެ އޮފިޝަލަކު ބުންޏެވެ.
ސަވާރީ ބޯޓު ގެއްލިގެން ހޯދަން ފެށީ މިއަދު ހެނދުނު 6:30 ހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އެގޮތުން އެމްއެންޑީއެފުން ވަނީ ހެލިކޮޕްޓަރު އަދި ކޯސްޓުގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން އެ ބޯޓު ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.
ބޯޓު ގެއްލުމުން މ. ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ބޯޓުގެ ކައްޕިއަކީ އެ ރަށު މީހެއް ކަމަށެވެ. އަދި ބޯޓުގެ ކައްޕިއަށް ނުގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައްޕިގެ ހަބަރެއް ނުވާތީ އަޅުގަނޑުމެން ފޮލޯމީ އެޕްލިކޭޝަނުން ވެސް ބެލިން، އެ އެޕުން ވެސް ފެންނަނީ މީގެ ފަސް ގަޑިިއިރު ކުރިން ބޯޓު އޮތް ސަރަހައްދު،" ނިޝާން ވިދާޅުވި އެވެ.

ސަވާރީ ބޯޓުން ދަތުރުކުރި މީހުން ހޯދި ސަރަހައްދު - ފޮޓޯ: އެމްއެންޑީއެފް
ގެއްލުނު ބޯޓުން ދަތުރުކުރި މީހުން ފެނިފައިވަނީ ކ. އަތޮޅާއި ވ. އަތޮޅާއި ދެމެދުން އިރުމަތީ ބިތުން އޮޔާދަނިކޮށެވެ. އެމްއެންޑީއެފުން ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުން އެ މީހުން ތިބީ ލައިފް ޖެކެޓު ފަދަ ތަކެތި ބަނދެ އޭގައި އެލިގެންނެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވެ މޫސުމާބެހޭ ގައުމީ އިދާރާއިން މިހާރު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފަ އެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.












