އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރިތާ ދެ މަސް ދުވަސް ވެގެން ދިޔައިރު ވެސް ޝަރީއަތް ނުފެށޭތީ އެ ކޯލިޝަންގެ ލީޑާޝިޕް މިއަދު ހައި ކޯޓަށް ވަޑައިގެންފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 25, 2022 ގަ އެވެ.
އޭގެ ފަހުން ޔާމީންގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. ނަމަވެސް, މާޗު މަހު ކުރީކޮޅު ހައި ކޯޓުން ވަނީ އޭގައި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރުމަށް ފަހު އަލުން ހުށަހަޅަން އަންގައިފަ އެވެ. މާޗު މަހުގެ ތެރޭގައި އެ ކަންކަން ފުރިހަމަކޮށްފައި އިސްތިއުނާފު ހުށަހެޅި އެވެ.
އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުގައި ރަޖިސްޓްރީ ކުރީ މިދިޔަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ. އެ ފަހުން ވެސް މަސް ދުވަހުގެ މުއްދަތެއް ހިނގިއިރު، އަދި މައްސަލަ ފަށަން ކޯޓުގައި ތާވަލުކޮށްފައެއް ނުވެ އެވެ.
ހައި ކޯޓަށް ވަޑައިގަތީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ)، ޕީއެންސީ ނައިބު ރައީސުންގެ ތެރޭ ހިމެނޭ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު، މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

ހައި ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ އިދިކޮޅު ލީޑާޝިޕް މަސައްކަތް ކުރެއްވީ ހައި ކޯޓުގެ ރަޖިސްޓްރާއާ ބައްދަލު ކުރެއްވުމަށް ކަމަށެވެ. ނަމަވެސް, އެ ކަން ކާމިޔާބު ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ކްރިމިނަލް ކޯޓުގައި އޮތް ޔާމީންގެ މައްޗަށް އުފުލާފައިވާ، ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ދައުވާތަކުގެ ޝަރީއަތް "އަވަސް އަރުވާލައިގެން" ކުރިއަށް ގެންދިޔުމެވެ. އެ މައްސަލާގައި އަވަސްއަވަހަށް އަޑުއެހުންތައް ބާއްވާއިރު އިސްތިއުނާފު ނުފަށާތީ އޮތް ކަންބޮޑުވުމެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި އަވަސް ވާން ޖެހެނީ އިސްތިއުނާފު މައްސަލަ، ދަށު ކޯޓު މަރުހަލާގައި، ހެކިން ހާޒިރުކޮށް ހުރިހާ ކަމެއް އޮންނައިރު މާ އަވަސް އަރުވާލައިގެން ގެންދަނީ،" އަބްދުލްރަހީމް ވިދާޅުވި އެވެ.
ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވުމެވެ.












