ދައުލަތުގެ ހެލްތު އިންޝުއަރެންސް ނިޒާމު "އާސަންދަ" އިގެ ލުއި އެންމެ ފުރިހަމައަށް ލިބެނީ ސަރުކާރުގެ ހޮސްޕިޓަލެއްގެ ޑޮކްޓަރަކަށް ދެއްކީމަ އެވެ. އެކަމަކު އެގޮތް ދޫކޮށްލާފައި ބޮޑު އަގެއް ދީގެން ކްލިނިކްތަކަށް ޒިޔާރަތްކުރާ މީހުން މަދެއް ނޫނެވެ. އެއީ ހަމަ އެކަނި މަތީ އާމްދަނީގެ މީހުން އެކަންޏެއް ވެސް ނޫނެވެ.
"ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބޮޑެތި ކަންކަމުގައި ފަހަރަކު ޑޮކްޓަރަކަށް ދައްކާކަށް ބޭނުމެއް ނުވޭ، އެހެންވީމާ ހޮސްޕިޓަލްގައި ކިއު ދިގުކޮށް އޮވެއްޖެއްޔާ ދެން ބަލަނީ އެ ޑޮކްޓަރު މަސައްކަތް ކުރާ ކްލިނިކެއް އެނގޭތޯ،" ބޮޑު ހަރަދެއް ކޮށްފައި ކްލިނިކްތަކަށް ދަނީ ކީއްވެތޯ ސުވާލުކުރުމުން ޖަވާބު ދިން މީހަކު ބުންޏެވެ.
ބައެެއް މީހުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން އެ ހޮސްޕިޓަލަށް ވަގުތު ދެެއްވަނީ މާކުޑަކޮށެވެ. ހޮސްޕިޓަލުން އެ ޑޮކްޓަރުންނަށް ދޫކުރާ އެޕޮއިންޓްމެންޓްތަކުގެ އަދަދު މަދީ އެހެންވެ ކަމަށް އެމީހުން ދެކެ އެވެ. އައިޖީއެމްއެޗުގައި ބަލާ ޑޮކްޓަރުންނަށް ކްލިނިކުތަކުން އެޕޮއިންޓްމަންޓް ހައްދަން ފަސޭހަވަނީ ވެސް އެ ސަބަބާ ހެދި ކަމަށް ބައެއް މީހުން ދެކެ އެވެ.
ދިގުމުއްދަތަކަށް ބޭސްކުރަން ޖެހޭ ބައްޔެއް ތަހައްމަލުކުރަމުން އަންނަ އާދަމް އަހުމަދު، 27، ބުނި ގޮތުގައި ގަވާއިދުން މުއްދަތަކުން ޑޮކްޓަރަށް ދައްކަން ޖެހޭ އޭނާ ފަދަ މީހުންނަށް، އައިޖީއެމްއެޗަކީ "އޮޕްޝަނެއް ނޫނެވެ".
"އަޅުގަނޑުގެ ބަލީގެ ގޮތުން، ޑޮކްޓަރަށް އާންމުކޮށް ދައްކާ މުއްދަތަށް ވުރެ އަވަހަށް، ކުއްލިއަކަށް ވެސް ޑޮކްޓަރަށް ދައްކަންޖެހޭ. އެހާލަތުގައި ނުދެއްކޭ ތަނެއްގައި ހުންނަވާ ޑޮކްޓަރަކަށް ދައްކާކަށް ބޭނުމެއް ނުވޭ،" އޭނާ ބުންޏެވެ.
އެގޮތަށް ދައްކަން ބޭނުންނުވާ ސަބަބެއް ވެސް އޭނާއަށް އެބަ އޮތެވެ. އެކި ފަހަރު އެކި ޑޮކްޓަރުންނަށް ދައްކާ ނަމަ ބައެއް ފަހަރު ޑޮކްޓަރުން ބޭހަށް ބަދަލު ގެނެ އެވެ. އެގޮތަށް ބަދަލު ގެނައި އެެއްވެސް ފަހަރަކު އޭނާއަށް އެކަން ގޯސް ނުވެއެއް ނުދެ އެވެ.
އެކްސްކްލޫސިވް ސާވިސް ބެނިފިޓް އާއެކު މައްސަލައަށް ހައްލެއް ލިބޭނެ
ހޮސްޕިޓަލްގައި ފުލްޓައިމްކޮށް ވަޒީފާ އަދާކުރައްވާ ޑޮކްޓަރުން ވެސް ކްލިނިކްތަކަށް ވަޑައިގަންނަވާ ސަބަބަކަށް މީގެ ކުރިން ވަނީ އެއް ވަޒީފާއިން ފުއްދައިލެވޭ ވަރު އާމްދަނީއެއް ނުލިބުމެވެ.
ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގައި އެންމެ ބޮޑަށް ރިއާޔަތްކޮށްފައި އޮތް އެއްކަމަކީ ވެސް މި އެވެ. ސްޕެޝަލިސްޓް ޑޮކްޓަރުންގެ މުސާރައަށް އެކަށީގެންވާ ކުރިއެރުމެއް ގެނައުމުގެ އިތުރުން ހަމަ އެކަނި އެއް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަމަ ދޭ އެލަވަންސެއް ވެސް އާ އޮނިގަނޑުގައި ހިމަނާފައި އެބަ އޮތެވެ.
އެންމެ ބޮޑު ރަނގަޅަކީ އެ އެ ލަވަންސަކީ ވަކި އަދަދުތަކެއް ކަނޑައަޅައި އެންމެނަށް އެއްވަަރަށް ދޭ އެލަވަންސަކަކަށް ނުވުމެވެ. އެ އެލަވަންސް ލިބޭނީ ސްޕެޝަލިސްޓުންނާއި ސަބްސްޕެޝަލިސްޓުން އެއް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަން އެއްބަސްވެ އެގްރިމެންޓެއްގައި ސޮއި ކުރުމުންނެވެ.
ހެލްތު ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑަށް ބަލާއިރު ނިސްބަތުން އެންމެ މުސާރަ ބޮޑުވީ ސްޕެޝަލިސްޓުންނާއި ސަބްސްޕެޝަލިސްޓުންނާއި ނަރުހުންނަށް ކަމަށް ފާހަގަ ކުރެވެ އެވެ. ސްޕެޝަލިސްޓުންގެ މުސާރަ 20 ޕަަސެންޓާއި 31 ޕަސެންޓާ ދޭތެރޭގެ ކުރިއެރުމެއް ގެނަޔެވެ. ސަރުކާރުން ބުނީ ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރީ ކެންސަރު ފަދަ ބަލިތަކަށް ފަރުވާދޭނެ ދިވެހި ޑޮކްޓަރުން އުފެއްދުމަށް ވިސްނައިގެން ކަމަށެވެ.
ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ރޭންކް 10 އަކުން ފެށިގެން މަތީގެ ޑޮކްޓަރުންނަށް ދޭ އެ އެލަވަންސް ކަނޑައަޅާނީ އެ ސްޕެޝަލިސްޓަކާ އެކު މަޝްވަރާކޮށް އެއްބަސްވާ ގޮތެއްގެ މަތިންނެވެ. އެ ހެންވީމާ އެ އެލަވަންސް ނަގައި، އެއް ހޮސްޕިޓަލަށް ހާއްސަވާ ޑޮކްޓަރު، ދޫކޮށްލާ ޕާޓްޓައިމް ވަޒީފާތަކުން އޭނާއަށް ލިބެމުން އައި އާމްދަނީ އަށް އެކަމުގައި ރިއާޔަތް ކުރެވޭނެ އެވެ.
އެހެންވީމާ މިއީ ހެޔޮ ބަދަލަކަށް ވާނެ އެވެ. އާސަންދަ ލިބޭ ސަރުކާރު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ބޮޑުވެ، ކްލިނިކްތަކަށް ހޭދަވާ ފައިސާއިން ބައެއް ސަލާމަތް ވުމަށް މިކަން ބާރަކަށް ވާނެ އެެވެ.
މުސާރައިގެ އޮނިގަނޑަށް އައި ބަދަލު
ހެލްތު ދާއިރާގެ މުސާރަ ބޮޑުވިއިރު މުސާރައިގެ އާ އޮނިގަނޑަށް ޖުމްލަ 3710 މުވައްޒަފުން ހިޖުރަ ކުރި އެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުގެ 1004 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުންނާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފުންނާއި ހުޅުމާލޭ ހޮސްޕިޓަލުގެ 298 މުވައްޒަފެކެވެ.
އޭގެ އިތުރުން ދައުލަތުގެ އެހެނިހެން ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ 452 މުވައްޒަފަކު ވެސް މުސާރައިގެ އާ އޮނިގަނޑަށް ހިޖުރަ ކުރެ އެވެ. އޭގެ ތެރޭގައި ޖަލުތަކާއި ސްކޫލްތަކާއިއި ކުޑަަކުދިންނާއި ބޮޑެތިމީހުން ބަލަހައްޓާ ދައުލަތުގެ މަރުކަޒުތަކުގައި މަސައްކަތް ކުރާ ކައުންސިލަރުން، ސައިކޮލަޖިސްޓުން، ސައިކްރޭޓިސްޓުން، ސްޕީޗު ތެރަޕިސްޓުން ފަދަ އެލައިޑު ހެލްތު ޕްރޮފެޝަނަލްސް ހިމެނެ އެވެ.
މުސާރަތައް ބޮޑުކުރުން މިއަހަރުގެ ބާކީ މި އޮތް އަށް މަސް ދުވަހަށް ބަލާލި ނަމަވެސް ސިއްހީ ދާއިރާގެ މުވައްޒަފުންނަށް 321 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަންޖެހޭނެ އެވެ. އަދި ކުރިއާ އަޅާބަލާއިރު އަހަރު 482 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ އެވެ. އެއީ މަހަކަށް އިތުރުވި 40 މިލިއަން ރުފިޔާ އެވެ.











