ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާފައި މެމްބަރުން މިއަދު ޗުއްޓީއަށް ވަޑައިގެންނެވިއިރު ނިމުނީ މަޖިލީހުގައި ހުރި މަސައްކަތުގެ ތެރެއިން 38 ޕަސެންޓު ކަމަށް އެ އިދާރާއިން ބުނެފި އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު އެ މަޖިލީހަށް 193 މައްސަލައެއް ހުށަހަޅާފައި އޮތެވެ. އޭގެ ތެރޭގައި ބިލާއި ގަރާރާއި ސަރުކާރުން ހުށަހަޅާ މައްސަލަތަކާއި ކުއްލި މައްސަލަތަކާއި ރިޔާސަތުން ހުށަހަޅާ ކަންކަމާއި މެމްބަރުން ހުށަހަޅާ ކަންކަމާއި އެހެނިހެން މައްސަލަތަކާ ގުޅޭ ރިޕޯޓާއި މެމްބަރުން ކުރާ ސުވާލު ހިމެނެ އެވެ.
މަޖިލީހުގައި އޮތް މައްސަލަތަކުގެ ތެރެއިން ނިންމުނީ 75 މައްސަލައެކެވެ. އެއީ އޮތް މައްސަލަތަކުގެ ތެރެއިން 38 ޕަސެންޓެވެ. މަޖިލީހުގައި އޮތް މައްސަލަތުގެ ތެރެއިން ކުރީ ދައުރުގައި ނުނިމިއި ހުރި މައްސަލަތައް ވެސް ހިމެނެ އެވެ.
މަޖިލީހުގެ އިދާރާއިން އާންމުކުރި ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ނިމިފައި ހުރީ ސުވާލު ކުރުމެވެ. އެގޮތުން ސުވާލު ކުރުމަށް ހުށަހެޅި 41 މައްސަލައެއް މަޖިލީހުން ނިންމާފައިވެ އެވެ. ދެން އެންމެ ގިނައިން ނިންމީ ސަރުކާރުން ހުށަހެޅި މައްސަލަތަކާއި (10) ކުއްލި މައްސަލަތަކެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ޗުއްޓީއަށްދިޔައިރު ޕްލާސްޓިކު ކޮތަޅުން ނަގާ ފީ ތަކުރާރުކޮށް ނެގުމަށް ގާނޫނުން މަގުފަހިވާތީ އެ މައްސަލަ ހައްލު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ގޮތެއް ނުނިންމަ އެވެ. ދެން މަޖިލީހުގެ މަސައްކަތް ފަށާނީ ދެ ހަފުތާގެ ޗުއްޓީއަކަށްފަހު އެވެ.













