ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން, ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އޮތުމުން ދަށު ކޯޓުގައި ޝަރީއަތް ފެށުން ފަސްވެއްޖެ އެވެ.
ދަށު ކޯޓުން ދައުލަތުގެ ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުން ބަދަލުކޮށްދިނުމަށާއި، ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް ނިންމި ނިންމުން ވެސް ބަދަލުކޮށްދިނުމަށް އެދި ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ނަމަވެސް ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުންތައް ދެމެހެއްޓުމަށެވެ.
އެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، މިއަދު ކްރިމިނަލް ކޯޓުގައި، ދައުލަތާއި ޔާމީންގެ ފަރާތުން ހުށަހަޅާ އިފްތިތާހީ ބަޔާން ހުށަހެޅުން އޮތެވެ. ނަމަވެސް ޔާމީންގެ ވަކީލުން އެދުނީ ސުޕްރީމް ކޯޓުގެ މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސައިލުމަށެވެ.
"ކޯޓުން އާންމުކޮށް އަމަލުކުރާ ގޮތަކީ ވެސް މިފަދަ ހާލަތެއްގައި ޝަރީއަތް މަޑުޖައްސައިލުން، އިސްތިއުނާފްގެ ބޭނުން ކެނޑިގެންދާ ގޮތަކަށް ޝަރީއަތް ފެށުން ވާނީ ގާނޫނު އާސާސީން ކަށަވަރު ކޮށްދޭ ވަރަށް ވެސް އަސާސީ ހައްގަކަށް އުނިކަމެއް އައުން،" ޔާމީންގެ ވަކީލުންގެ ތެރޭގައި އާދަމް ޝަމީމް ވިދާޅުވި އެވެ.
ޝަރީއަތް މަޑުޖައްސާލަން ދައުލަތުން ވެސް ދެކޮޅެއް ނުހަދަ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ފުރަތަމަ ފާހަގަ ކުރެއްވި ކަމަކީ އިސްތިއުނާފު ކޮށްފައިވާ ދެ ނުކުތާއަކީ ވެސް ޝަރީއަތް މިއަދު ފަށައިގެން ޝަރީއަތަށް އިތުރު އަސަރެއް އަންނާނެ ދެ ކަމެއް ނޫން ކަމަށެވެ.

ގާޒީ އެ ގޮތަށް ފާހަގަ ކުރެއްވި ނަމަވެސް، ޔާމީންގެ ވަކީލުން ވަނީ އިފްތިތާހީ ބަޔާނަށް ތައްޔާރު ވާން ވަގުތު ވެސް ނުލިބި ދިޔުމުގެ ސަބަބުން ތައްޔާރު ނުވެވޭ ކަމަށް ވިދާޅުވެފަ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ވަގުތު ހޭދަކުރަން ޖެހުނީ އިސްތިއުނާފް ކޮށްފައިވާ މައްސަލަތަކުގައި ކަމަށް ވަކީލުން ފާހަގަ ކުރެއްވި އެވެ.
ޝަރީއަތުގައި ޔާމީން ވެސް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ވެސް ފާހަގަ ކުރެއްވި ކަމަކީ ނިމިދިޔަ ރޯދަ މަހުގެ ތެރޭގައި ވަކީލުންނާ ބައްދަލުކޮށް ހެކި މުތާލިއާ ކުރުމަށް އެކަށޭނަ ވަގުތު ލިބިފައި ނެތް ކަމެވެ. އެހެންކަމުން މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ނުގެންދިޔުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
"އެއްވެސް ކަމެއް މުތާލިއާ ކުރުމަށް ފުރުސަތެއް ނުލިބޭ، މި ރޯދަ މަހު އަޅުގަނޑަށް ވަކީލު ބައްދަލުވުން ލިބުނީ އެންމެ ދުވަހަކު، ކަރެކްޝަންސް އިން ހަމަޖައްސައިދެނީ ވެސް ދުވާލަކަށް އެންމެ ދެ ގަޑިއިރު، އެހެންވެ އެކަމަށް އެކަށީގެންވާ ވަގުތު ނުލިބޭ، ވަގުތު ބޭނުންވޭ އެބަ،" ޔާމީން ވިދާޅުވި އެވެ.
ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމާއި ހެކިތައް ހާމަކުރުމަށް ފަހު، ޝަރީއަތް ފެށުމުގެ ގޮތުން ހުރިހާ ހަސްމުން ޝަރީއަތުގައި އިއްވާ އިފްތިތާހީ ބަޔާނުގެ ބައި އެހެން ދުވަހަކަށް ފަސްކުރުމަށް ގާޒީ ދެން ނިންމެވި އެވެ. އެއަށް ފަހު އަޑުއެހުން ނިންމާލެއްވި އެވެ.
މި މައްސަލާގައި ދެން ދައުވާކޮށްފައިވާ މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނިން ވެސް ހެކިތަކާ ގުޅޭ ގޮތުން ދަށު ކޯޓުން ނިންމި ބައެއް ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
އޭގެ ތެރޭގައި އެ ދެ ފަރާތުން އެދިފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ހިމެނެ އެވެ. ހައި ކޯޓުގެ މަރުހަލާގައި، އެ މައްސަލާގައި ވެސް ނިންމާފައިވަނީ ދަށު ކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ.
އެ ނިންމުންތައް ވެސް ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
titledesc
މައްސަލައިގެ ފަސްފަހަތް؛
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެ ގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ ވެސް ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.












