އާއިލާއާއެކު އުމްރާއަށް ދިޔަ ދިވެއްސަކު މައްކާގައި ނިވާވެއްޖެ އެވެ.
އަލް ބްރޫޖް ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވީ ގއ. ކޮލަމާފުށި ގަސްދޮށުގެ މުހައްމަދު ޒަކީ އެވެ. އުމުރުން 83 އަހަރުގައި އޭނާ ނިޔާވީ ރޭ މައްކާ ގަޑިން 12 ޖަހާކަން ހާއިރު ކަމަށް އަލް ބްރޫޖް ގްރޫޕުން ބުނެ އެވެ.
ޒަކީއާއެކު އޭނާގެ އަންހެނުންނާއި، ދެ ފިރިހެން ދަރިންނާއި ދެ ދަނބިދަރިން އަދި އޭނާގެ އަންހެން ދަރިފުޅު ވެސް ދިޔަ އެވެ.
އަލް ބްރޫޖް ގްރޫޕުން ބުނީ ޒަކީ ނިޔާވީ މަދީނާ ޒިޔާރަތުގައި ދެ ދުވަސް ހޭދަކުރުމަށްފަހު މި ދަތުރުގައި އިތުރު އުމްރާއެއް ކުރުމަށް މަދީނާގެ މީގާތު ދުލް ހުލައިފާއިން އިހްރާމް ބަނދެގެން ގޮސް މައްކާގެ ހޮޓަލަށް ދެވުނުތާ ކުޑަ އިރުކޮޅެއް ތެރޭގައި ކަމަށެވެ.
ޒަކީގެ ހަށިގަނޑު މިހާރު އޮތީ މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުގެ މޯޗަރީގަ އެވެ. އަދި ހޮސްޕިޓަލުގެ ލިޔެކިއުންތައް ދޫކުރުމުން އޭނާ ހިނެވުމަށްޓަކައި މައްކާގެ ޖާމިއުލް މުހާޖިރީން ހިނަވާގެއަށް ގެންދަން ނިންމާފައިވާ ކަމަށް އަލް ބްރޫޖުް ގްރޫޕުން ބުނެ އެވެ.

އެ ގްރޫޕުން ބުނީ ޒަކީގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި މައްކާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ އެހީތެރިކަމާއެކު ސައުދީ އަރަބިއްޔާގެ އުމްރާ އެޖެންޓާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަދި އޭނާގެ ކަށުނަމާދު ކުރާނެ ވަގުތު ކަށަވަރުވެފައެއް ނުވެ އެވެ.












