ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އާ މެމްބަރަކު މިއަދު އައްޔަންކޮށްފި އެވެ.
އެ ބޯޑަށް މިއަދު އައްޔަންކޮށްފައި ވަނީ ފާތިމަތު ޝިރުވީން އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ޕީސީބީއަށް ގާނޫނީ ދާއިރާއިން އައްޔަނުކުރާ މެންބަރެއްގެ ގޮތުގަ އެވެ.
ޕީސީބީއަށް އައްޔަންކުރެއްވުމުގެ ކުރިން ޝިރުވީން މަސައްކަތް ކުރެއްވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގަ އެވެ. އަދި މިހާރު ވެސް އޭނާއަކީ ފެމެލީ ލީކަލް ކްލިނިކް ޖަމްއިއްޔާގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.
ޝިރުވީ ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލު ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކެމްބްރިޖުންނެނެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕީސީބީއަކީ 2013 ވަނަ އަހަރު ވުޖޫދަށް އައި ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފެއްދި ބޯޑެކެވެ.

ޕީސީބީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ބޯޑެކެވެ. އެ ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ކުންފުނިތަކުގެ ބޯޑުތަކުން މަސްއޫލިއްޔަތު އަދާކުރޭތޯ ބެލުމާއި ކުންފުނިތަކުގެ ހިއްސާ ވިއްކުމާ ގުޅޭ ކަންކަން ކުރުން ހިމެނެ އެވެ.














