މާލޭ ސަރަހައްދުގެ ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ގޮސް، ރެކޯޑު މިންވަރަކަށް މިއަދު ހަކަތަ ބޭނުންކޮށްފި އެވެ.
މި ހިނގަމުންދާ އޭޕްރީލް މަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވާނެ ދުވަސްވަރު ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އިހުސާސް ކުރެވޭ ހޫނުމިން ހުންނާނީ 40 ޑިގްރީގައި ކަމަށް ސަރުކާރުން ބުނެ އެވެ.
އެއާއެކު މިއަދު ސްޓެލްކޯއިން ބުނީ މާލެ ސަރަހައްދުގައި ހަކަތަ ބޭނުން ކުރި މިންވަރު މިއަދު ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
"މާލެ އާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން މިވަނީ ރެކޯޑް މިންވަރަކަށް މަތިވެފަ އެވެ. އެގޮތުން 2023 އޭޕްރީލް 24 ވަނަ ދުވަހުގެ މެންދުރު 14:10 ގައި އަޅުގަނޑުމެންގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަ ކުރެވޭ،" މި ސަރަހައްދަށް ކަރަންޓު ދޭ ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ ކޮންމެ ތަނަކުން ވެސް އެތަނަކަށް ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުން ކުރުން މުހިންމު ކަމަށެވެ. އަދި ބުނީ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ އޭސީއަށް ކަމަށެވެ.

"ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 އިންސައްތަ ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާރކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުންވެސް 25 ޑިގްރީ އަށްވުރެ ދަށް ނުވާނެހެން އެއާރކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުން އެދެން،" އެ ކުންފުނިން ބުންޏެވެ.












