އިިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލުގައި ހުންނެވި ނަމަވެސް އެ ކޯލިޝަނުގެ ބޭފުޅުން ރިޔާސީ ޓިކެޓާ ގުޅޭ ވާހަކަ ދައްކަން ޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 25, ގަ އެވެ. އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، ޔާމީނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމުގެ އުއްމީދުގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މަސައްކަތް ކުރައްވާކަން އެ ޕާޓީގެ މަސްދަރުތަކުން ކަށަވަރުކޮށްދެ އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވަނީ އިދިކޮޅުގެ ކަންކަން ކުރިއަށްދަނީ ޑިމޮކްރަޓިކް އުސޫލުން ކަމަށް ވިދާޅުވެ ޔާމީނަށް އަރުވާފައިވާ ރިޔާސީ ޓިކެޓު އަދިވެސް ދެމިއޮތް ކަމަށް ވިދާޅުވެފަ އެވެ.
"ޑިމޮކްރަޓިކް އުސޫލުން އަޅުގަނޑުމެން އެ އޮތީ ރައީސް ޔާމީނަށް ޓިކެޓު ހަވާލުކޮށްފައި. އެހެންވީމާ އެއް އިންތިހާބެއްގައި ދެ ކެނޑިޑޭޓުން އެއް ކޯލިޝަނަކުން އެއީ ހިޔެއް ނުވޭ ޑިމޮކްރަޓިކް އުސޫލަށް ވާނެ ހެނެއް," މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ތެރޭގައި ޓިކެޓު ހޯދުމަށް އެންމެ ބޮޑަށް ހަރަކާތްތެރިވާ ކަމަށް ބެލެވޭ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުން ނުފެނެ އެވެ. އާންމު ގޮތެއްގައި ޕީޕީއެމްގެ ލީޑާޝިޕުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މުއިއްޒު ފެނެ އެވެ.
އީސީން ރައީސް ޔާމީންގެ ކެނޑިޑެސީ ބަލައިގަތުމާ މެދު ހުރަހެއް ނެތް ކަމަށް ވިދާޅުވާ ކަމަށާއި އެފަދަ ހާލަތެއްގައި އިތުރު ކެނޑިޑޭޓަކު އަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިތުރު ކެނޑިޑޭޓަކާ މެދު ވިސްނަން ޖެހޭ ހާލަތެއް ނެތް. މިވަގުތު ޕީޕީއެމް/ޕީއެންސީ ތެރޭގައި އެއްވެސް ބޭފުޅަކު ރިޔާސީ ޓިކެޓުގެ ވާހަކަ ދައްކަން ޖެހޭ ހާލަތެއް އޮތް ކަމަށް ގަބޫލެއް ނުކުރަން. ޑިމޮކްރަޓިކް ހަމަތަކުން ނެތް," އަދުރޭ ވިދާޅުވި އެވެ.
ޓިކެޓު ކޯޅުމުގައި އިދިކޮޅު ޕާޓީގެ ތެރޭގައި މައްސަލަ ހޫނުވެފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ މާލޭ ސިޓީގެ ކައުންސިލް މެމްބަރު އާދަމް ރަމީޒުގެ މައްޗަށް ޕީޕީއެމުން ވަނީ، ޔާމީނުގެ އޯޑަރަށް ސުލޫކީ މައްސަލައެއް ބަލާފަ އެވެ. އެކަން ބަލަމުން ދަނިކޮށް އޭނާ ވަނީ ޕީޕީއެމުން އިސްތިއުފާ ދީފަ އެވެ.
ކްރިމިނަލް ކޯޓުގައި ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަކުރުމުގެ ދައުވާގެ އިތުރު މައްސަލައެއް ވެސް އެބަ އޮތެވެ. ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލަ ކްރިމިނަލް ކޯޓުގައި އަދި އޮތީ ޝަރީއަތުގެ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގަ އެވެ.












