ބޮނޑިކޮށް ގަނެގެން ޕްލާސްޓިކް ކޮތަޅަށް ދައްކަންޖެހޭ ފީ އިސްތިސްނާވާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްވުމުން، ޕްލާސްޓިކް ކޮތަޅުގެ އަގު ބޮޑުވުމުގެ މައްސަލަ ހައްލުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިރޭ ބުނީ، 50 ކޮތަޅަށްވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑި ގަންނަ ނަމަ، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިސްތިސްނާވާނެހެން މާއްދާއެއް ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލަށް ސަރުކާރުން ހުށަހެޅި ކަމަށެވެ. ނަމަވެސް، މަޖިލީހުން ބިލް ފާސްކުރީ އެ މާއްދާ އުނިކުރުމަށްފަހު ކަމަށެވެ.
މަޖިލީހުން އެ މާއްދާ އުނިކޮށްފައި ފާސްކުރި ނަމަވެސް ސަރުކާރުން އެ ބިލު ތަސްދީގުނުކޮށް ފޮނުވާނުލީ އެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށްވާތީ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ، މި ގާނޫނުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހަޅަންޖެހޭ އިސްލާހުތައް ވަކިން މިދިޔަ މާޗް މަހު ހުށަހަޅާފައިވާ ކަމަށާއި، އެ އިސްލާހުތައް މަޖިލީހުން ފާސްވުމުން މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާއެކު ކޮތަޅު ބޮނޑީގެ އަގުވަނީ ކުރިއަށްވުރެ ބޮޑުތަނުން އުފުލިިފަ އެވެ. އެގޮތުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް، އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.
އެހެންކަމުން 100 ކޮތަޅު ހިމެނޭ ބޮނޑިއެއްގެ އަގުން މިހާރު ވަނީ ދެ ރުފިޔާގެ ރޭޓުން 200 ރުފިޔާ ބޮޑުވެފަ އެވެ. ގޭބީސީތަކުން ކުނި އުކުމުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރަންޖެހޭއިރު، މިކަމާ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.













