ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ހައި ކޯޓުން ނިންމާފައިވާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފި އެވެ.
ދައުލަތުން ހުށަހެޅި ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން ހުށަހެޅީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ. އަދި ބައެއް ހެކި ސިއްރުކުރަން ދައުލަތުން އެދިގެން ދަށު ކޯޓުން ނެރެފައިވާ "ހެކި ރައްކާތެރިކުރުމުގެ އަމުރު" ބާތިލްކުރަން ވެސް އެދިފައިވެ އެވެ.
ދަށު ކޯޓުން ދައުލަތުގެ ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުން ބަދަލުކޮށްދިނުމަށާއި، ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް ނިންމި ނިންމުން ވެސް ބަދަލުކޮށްދިނުމަށް އެދި ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ނަމަވެސް ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުންތައް ދެމެހެއްޓުމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ހައި ކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގާނޫނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
މި މައްސަލާގައި ދެން ދައުވާކޮށްފައިވާ މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނިން ވެސް ހެކިތަކާ ގުޅޭ ގޮތުން ދަށު ކޯޓުން ނިންމި ބައެއް ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

އޭގެ ތެރޭގައި އެ ދެ ފަރާތުން އެދިފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ހިމެނެ އެވެ. ހައި ކޯޓުގެ މަރުހަލާގައި، އެ މައްސަލާގައި ވެސް ނިންމާފައިވަނީ ދަށު ކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ.
ސަން ކުންފުނިތަކުގެ ވަކީލުންނާއި ކްރިކް ރިޒާގެ ވެސް މިއަދުގެ އަޑުއެހުމުގައި ބުނީ އެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި އިސްތިއުނާފު މަރުހަލާ ނިމެންދެން ދަށު ކޯޓުގެ ޝަރީއަތް މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށް ވެސް އެދޭނެ ކަން ވެސް ވަކީލުން ފާހަގަ ކުރި އެވެ.
ކްރިކް ރިޒާގެ ފަރާތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވަނީ، ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެ މައްސަލާގައި ދައުވާކޮށްފައިވާ ކްރިކް ރިޒާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކުގެ އޯޑިއޯއެއް ސިއްރުކޮށްދިނުމަށެވެ.
ސަން އިންވެސްޓްމަންޓުން އެދިފައިވަނީ އެތެރޭގެ ތަހުގީގަކަށް އެ ކުންފުނީގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ދިން ބަޔާނަކާއި، އެ ކުންފުނީގައި މަސައްކަތް ކޮށްފައިވާ ބިދޭސީ ބައެއް މީހުން ދީފައިވާ ބަޔާންތަކެއްގެ އިތުރަށް ޑިރެކްޓަރުންގެ ބޯޑުގެ ބައެއް ގަރާރުތަކަށް އެ އަމުރު ނެރެދިނުމަށެވެ.
މައްސަލައިގެ ފަސްފަހަތް؛
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެ ގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ ވެސް ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.












