ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓު އިބްރާހިމް ޝާޒަށް ތާއިދު ހޯއްދަވައި ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ދާއިރާގެ ތިން ރަށަށް އިއްޔެ ވަޑައިގެންނެވި އެވެ.
މަގާމު ފުރުއްވަމުން ގެންދަވާ ރައީސަކު ގުޅިއަށް ވަޑައިނުގަންވާތާ 10 އަހަރު ފަހުން ރައީސް ސޯލިހު އެ ރަށަށް ވަޑައިގެން، އެ ރަށަށް ކުރިމަތިވެފައިވާ ބައެއް ދަތިތައް ހައްލުކޮށް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ގުޅީގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ތޮއްޖެހިފައިވާ އެރަށުގެ ބޯހިޔާވެހިކަމުގެ މައްސަލައަށް އަންނަ އަހަރު ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި މި ސަރުކާރުން ގުޅިއަށް ކޮށް ދެއްވާފައިވާ ކަންކަމުގެ ހަނދާން އާކޮށްދެއްވި އެވެ.
"އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު ގުޅީގައިހުރި ފެން ހުރީ ތަގައްޔަރުވެފައި، މިހާރު ގުޅީގައި ސާފު ފެން ލިބޭނެ، ރައްޔިތުން އެދުނުގޮތަށް މި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ނިމި ޒުވާނުން ބޭނުންވާ ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑާއި، ސިއްހީ ދާއިރާއަށް ބޭނުންވާ ކަންކަމާއި، ސްކޫލަށް ބޭނުންވާ ކްލާސްރޫމުތައްވެސް ނިމި އެ ދަނީ ބޭނުންކުރަމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ގުޅިއަކީ، ކުރީގެ ސަރުކާރުތަކަށް 'ގެއްލިފައި' އޮތް ރަށެއްކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ގުޅީގެ ރައްޔިތުން އެންމެ ބޭނުންވެފައި އޮތް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ފެށިފައިވާ ކަމަށެވެ.

"ތިބޭފުޅުން ތިބޭނުންވާ ބިން މި ރަށަށް ލިބި، ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫއުވެސް އިރާދަކުރެއްވިއްޔާ މިތަނުން ފެނިގެންދާނެ... ކުރިއަށް އޮތް ރިޔާސީ ދައުރުގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. ތިބޭފުޅުންނަށް ވައުދުވަން އަންނަ އަހަރުގެ ބަޖެޓުގައި މި ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހިމަނާނަން،" ރައީސް ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ރިޒާ ފެބްރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ. އެއްވެސް އިންތިހާބެއްގައި މި ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ނުވާއިރު، ރައީސް ސޯލިހު އިއްޔެ ވިދާޅުވީ ދާއިރާގެ މަޖިލީހުގެ މެންބަރަކީ ސަރުކާރަށް ތާއީދުކުރައްވާ، ސަރުކާރާއެކު މަސައްކަތް ކުރައްވާ ފަރާތަކަށް ވުން މުހިންމު ކަމަށެވެ.
ތަފާތު ހިޔާލެއްގެ މެންބަރަކު ހުންނެވި ނަމަވެސް މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުން އެ ދާއިރާއެއްގެ ރަށްތައް ބާކީ ނުވާނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ގުޅީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު ވަޑައިގެންނެވީ ގުރައީދު އަށެވެ. އެއަށް ފަހު މާފުއްޓަށް ވަޑައިގެންނެވީ ރޭގަ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެމްޑީޕީގެ އިތުރުން މި ގޮނޑިއަށް ޕީޕީއެމް، އެންޕީއޭ ވާދަ ކުރެ އެވެ.
މުހިންމު ބައެއް ހަބަރު
- ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވައި އިންތިހާބުވި ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފި އެވެ.
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަމުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގާތީ ސަމާލުވުމަށް ރައީސް އޮފީހުން އެދިއްޖެ އެވެ.
- އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުވައިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންދިޔަ ގޮތަށް އެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް އިދިކޮޅު ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.
- ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, ދައުވާކޮށްފައިވާ ފަރާތްތަކުން އެދިފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރުތައް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ.
- ރާއްޖޭގެ މަޝްހޫރު މަހުޖަނު އަހުމަދު މޫސާ (އުއްޗު) ގެ ކުންފުނި ޗަމްޕާ ބްރަދާސްއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި 25،000 ކާށި ބެހުމުގެ މަސައްކަތް އަންގާރަ ދުވަހު ފައްޓާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
- މާލޭ ސަރަހައްދުގެ (މާލެ,ހުޅުމާލެ,ވިލިމާލެ) މަގުތަކަށާއި، ގޭދޮރުމައްޗަށާއި، ކަންކަންމައްޗަށް ކުނިނެރިފައި ބެހެއްޓުމާއި ކުނި ޖަމާކުރަމުން ދިޔުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
- ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލާގައި އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ ބަލަމުންދިޔަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލައިފި އެވެ.
- މަޝްވަރާއެއް ނެތި އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ދުވަހުގެ ކޯޓޭޝަން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކ. ގުޅީގައި ވިދާޅުވީ،
އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު ގުޅީގައިހުރި ފެން ހުރީ ތަގައްޔަރުވެފައި، މިހާރު ގުޅީގައި ސާފު ފެން ލިބޭނެ، ރައްޔިތުން އެދުނުގޮތަށް މި ރަށުގެެ ފެނާ ނަރުދަމާގެ ނިޒާމް ނިމި ޒުވާނުން ބޭނުންވާ ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑާއި، ސިއްހީ ދާއިރާއަށް ބޭނުންވާ ކަންކަމާއި، ސްކޫލަށް ބޭނުންވާ ކްލާސްރޫމުތައްވެސް ނިމި އެ ދަނީ ބޭނުންކުރަމުން."











