އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން މަޝްވަރާ ކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ނިންމައިފި އެވެ.
ކޯލިޝަން ހެދުމުގެ ދައުވަތު އެމްޓީޑީއަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ފަރާތުން ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ.
އެމްޓީޑީން މިއަދު ބުނީ އެ ޕާޓީގެ ފަރާތުން ޖޭޕީއާއެކު މަޝްވަރާ ކުރައްވާނީ އެ ޕާޓީގެ ސީނިއާ ކައުންސިލް މެމްބަރު އަބްދުލް ރަޝީދު ނާފިޒް އާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) އަދި އެ ޕާޓީގެ ލީގަލް އެޑްވައިޒަރު ކުރީގެ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ކަމަށެވެ.
އިދިކޮޅު ޕީޕީއެމް އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އާއި އެމްއެންޕީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށް ވެސް ޖޭޕީން ވަނީ ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވައިފަ އެވެ.
އޭގެ ތެރެއިން ޖަވާބުދީފައި ވަނީ އެމްއެންޕީ އާއި އެމްއާރްއެމްގެ ފަރާތުންނެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހެދުމަށް ބޭނުންނުވާ ކަމަށް އެމްއެންޕީން ބުނިއިރު އެމްއާރްއެމުން ބުނެފައި ވަނީ އެކަމާ ގުޅޭ ގޮތުން ޖެހޭނީ މަޝްވަރާ ކުރަން ކަމަށެވެ.

ރިޔާސީ އިންތިހާބަށް ގާސިމް އިބްރާހިމް ނިކުންނެވުމަށް ނިންމެވީ މިދިޔަ ހަތަރު އަހަރު ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު އެއް ޕާޓްނަރުގެ ގޮތުގައި ހުންނެވުމަށްފަހު އެވެ. އޭގެ ފަހުން ޖޭޕީން ގެންދަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރަމުންނެވެ.
ޖޭޕީން ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވަމުންދާއިރު އެމްޑިޕީގެ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހު ވަނީ އަދާލަތު ޕާޓީ އާއި އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއާއެކު ކޯލިޝަން ހައްދަވައިފަ އެވެ. އަދި ކޯލިޝަން ހެދުމުގެ ދައުވަތު އެމްއާރްއެމަށް ވެސް ސަރުކާރުން ވަނީ ފޮނުވައިފަ އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެމްޓީޑީގެ ލީޑަރު އަހުމަދު އަދީބަ 20 އަހަރަށް ޖަލަށްލުމަށް އޮކްޓޯބަރު، 2020، ގައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. ނަމަވެސް އަދީބު ހުންނަވަނީ ގޭ ބަންދުގަ އެވެ.
އެ މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން އަދީބު ހުރީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި 15 އަހަރަށް ޖަލަށްލައިފަ އެވެ. ނަމަވެސް ފަހުން ކޯޓުން އެ ހުކުމް ބާތިލް ކުރީ އެވެ. ފަހުން ގޭ ބަންދުގައި ހުންނެވުމަށްފަހު ޓަގު ބޯޓެއްގައި އިންޑިއާއަށް ފިއްލެވިތަނުން ޓަމިލްނާޑޫއިން އޯގަސްޓު، 2019، ގައި ހައްޔަރު ކުރި އެވެ.
އޭގެ ފަހުން ރައީސް ޔާމީންގެ ޝަރީއަތުގައި އަދީބު ހެކިބަސް އަދާ ކުރި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ކަނޑައެޅީ އަދީބަކީ ފާސިގެއް ކަމަަށާއި އޭނާގެ ހެކިބަސް އެ މައްސަލައިގައި ބަލައިނުގަނެވޭނެ ކަމަށެވެ.











