ވިސާގެ މައްސަލަ ޖެހިގެން ނުފުރުނު އަލް ސަފާ ގްރޫޕްގެ އުމްރާވެރިންނަށް އަންނަ ހަފްތާގައި ފުރޭނެ ކަމަށް އެ ގްރޫޕުން ބުނެފި އެވެ.
އަލް ސަފާ ގްރޫޕުން މިއަދު "އަދަދު" އަށް ބުނީ، ވިސާގެ މައްސަލަ ޖެހިގެން އިއްޔެ ނުފުރުނު މީހުން ގޮވައިގެން އަންނަ ހަފްތާގެ ހޯމަ ދުވަހު ފުރަން ތައްޔާރުވަމުންދާ ކަމަށެވެ. އަދި ސަލާމް އެއާ އާއެކު އެގްރީމަންޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަލް ސަފާއިން ބުނީ ސަލާމް އެއާ އާއެކު އެގްރީމަންޓުގައި ސޮއި ކުރުމަށްފަހު، އަންނަ އާދިއްތަ ދުވަހު ޓިކެޓް ނަގާނެ ކަމަށެވެ. އަދި، ޓިކެޓް ނަގާނީ ހުރިހާ ވިސާއެއް އަތަށް ލިބުމުން ކަމަށް ވެސް އެ ގްރޫޕުން ބުންޏެވެ.
އަލް ސަފާއިން މި ރަމަޟާން މަހު އުމްރާއަށްދާ ގްރޫޕުގައި ހިމެނެނީ 181 މީހުންނެވެ. އެމީހުންނަށް އިއްޔެ ނުފުރޭނެ ކަމަށް އެންގީ ލަގެޖު ވެސް ކުންފުންޏާ ހަވާލުކޮށްފައި އޮއްވައި ކުއްލިއަކަށެވެ. އެކަމާ ގުޅިގެން އެ އާއިލާތަކުން ތިބީ މާޔޫސްކަމެއްގަ އެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ވިސާގެ ކަންކަން ހަމަޖައްސަން އަލް ސަފާ ގްރޫޕުން ކުރިއާލާ މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި ވިސާ ހަމަނުޖެހުނީ ސައުދީ އަދި ދިވެހި ސަރުކާރުގެ މައްސަލައެއް އޮވެގެން ނޫން ކަމަށާއި، ސައުދީ އެޖެންސީން ވިސާ ދޫކުރުމުގައި ލަސްތަކެއް އުޅެނީ ކަމަށް ސަފާ ގްރޫޕުން ބުނެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި އަހަރު ރަމަޟާން އުމްރާއަކަށް އަލް ސަފާ ކުންފުނިން ބޮލަކަށް 37،500ރ. ނެގި އެވެ. އެ މަގުން ބަލާނަމަ މި ރަމަޟާން މަހުގެ އުމްރާވެރިން އެ ގްރޫޕަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ ދައްކާފައިވާނެ އެވެ.













