ކެމިކަލް ބޭނުންނުކޮށް ދަނޑުވެރިކަން ކުރަން ރައީސް ގޮވާލައްވައިފި

އއ. ތޮއްޑޫގެ ދަނޑުތަކެއް؛ ކެމިކަލްތައް ބޭނުންނުކޮށް ދަނޑުވެރިކަން ކުރުމަށް ރައީސް ގޮވާލެއްވި -- ފޮޓޯ: އަދަދު

އއ. ތޮއްޑޫގެ ދަނޑުތަކެއް؛ ކެމިކަލްތައް ބޭނުންނުކޮށް ދަނޑުވެރިކަން ކުރުމަށް ރައީސް ގޮވާލެއްވި -- ފޮޓޯ: އަދަދު

ކެމިކަލްތަކާއި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

މިއަހަރުގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ހާއްސަ ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން، ރައްކާތެރި ދަނޑުވެރިކަމުގެ އިތުރުން، ގުދުރަތީ ވެށި އޭގެ ތަބީއީ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން ވެސް މުހިންމުކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

ގުދުރަތީ ވެށި ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަނުދީ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.

ރައީސް ވިދާޅުވީ މި ކަންތައްތަކަކީ ދިވެހިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ހިތާބުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި ދުނިޔޭގެ ސިއްހީ ހިދުމަތުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާއިރު، އާންމު ސިއްހަތުގެ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަން ފާހަގަކުރެވޭ ކަމަށެވެ.

"އޭގެ ތެރެއިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ، ސިއްހަތަށް ފައިދާ ހުރި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ސާފު ބޯފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުން. އަނެއް ކަމަކީ، އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރު ކުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިއުން ކަމަށެވެ.

އެގޮތުން، ކެންސަރާއި، ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމާ ގުޅުންހުރި ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު މަތިވަމުން ދިއުމަކީ ސިއްހީ ހިދުމަތުގެ ނިޒާމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ބަލިތައް ދިވެހިންގެ މެދުގައި ފެތުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް، ފުޅާ ދާއިރާއެއްގައި އިލްމީ ދިރާސާތަކެއް ކުރުން މުހިންމު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox