ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭޑީކޭ ކޮމްޕެނީގެ ވެރިޔާ އަހުމަދު ނާޝިދު ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްކަން ހާމަކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ނާޝިދު ރައީސް ސޯލިހާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ "އެއިރުވެސް ރައީސް ސޯލިހު، މިހާރު ވެސް ރަައީސް ސޯލިހު" ކަމަށެވެ.
ރައީސް ސޯލިހަށް ވިޔަފާރިވެރިޔާ ޗަމްޕާ އަހުމަދު މޫސާ (އުއްޗު) ވެސް ތާއީދު ކުރައްވާކަން ވަނީ ހާމަ ކުރައްވައިފަ އެވެ. އުއްޗުގެ ތާއީދު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މަސައްކަތް ކުރެއްވި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ނިކުންނަވާއިރު އެމަނިކުފާނާ ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމެވެ. އިދިކޮޅު ޕީޕީއެމުން ނެރޭނެ ކެންޑިޑޭޓެއް އަދި ނުނިންމަ އެވެ.
ރައީސް ސޯލިހާއެކު އަދާލަތު ޕާޓީ އާއި އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއިން ވަނީ ކޯލިޝަން ހަދައިފަ އެވެ. ޖޭޕީ މިވަގުތު މަސައްކަތް ކުރަނީ ނަޝީދަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުންނާއެކު އެވެ.

އޭގެ އިތުރުން، ރައީސް ސޯލިހާއި ޖޭޕީގެ ފަރާތުން ވެސް ކޯލިޝަން ހެދުމުގެ ދައުވަތު އެމްއާރްއެމަށް ލިބިފައިވީ ނަމަވެސް އެ ޕާޓީން އަދި ގޮތެއް ނުނިންމަ އެވެ.











