ސަރުކާރުން ނަގަންޖެހޭ ހުއްދަތައް ނުނަގައި މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ކުރަމުންދާ ކަމަށް ބުނެ ފިޝަރީޒް މިނިސްޓްރީން މިއަދު އެކަން ކުށްވެރިކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ހުއްދަ ނުހޯދައި ދިރާސާ ކުރުމާއި ހުއްދައަށް އެދި ނުލިބެނީސް ދިރާސާގެ މަސައްކަތް ފަށަމުންދާކަން އެ އިދާރާއަށް ފާހަގަވެފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި އޮތީ އެ ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނެތި ކަނޑުގެ އެއްވެސް ބާވަތެއްގެ ދިރާސާއެއް ނުވަތަ ސައިންޓެފިކް އެކްޕަރިމެންޓެއް ހިންގުން ގަވާއިދާ ހިލާފުވާނެ ކަމަށެވެ.
"ސައްހަ ހުއްދައެއް ނެތި އެފަދަ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރުމަކީ މަނާކަމެއް. ވީމާ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާއެއް ނުވަތަ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާއެއް ކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މިނިސްޓްރީގެ ރިސާޗް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް އެންމެހައި ފަރާތްތަކަށް ހަނދުމަކޮށްދެން،" އެ އިއުލާނުގައި ބުނެފައިވެ އެވެ.











