ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ހަސަން (އެވިލާ) އެ ޕާޓީން މިއަދު ވަކިވެވޑައިގެންފި އެވެ.
އިބްރާހިމް ހަސަން "އަދަދު" ނޫހަށް ވިދާޅުވީ "ލީޑަރު (ގާސިމް) އެ ދަނީ ރަނގަޅު މަގަކުން ނޫން" ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުންނަވާނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކުގައި ކަމަށެވެ.
"މީގެ ކުރިން ސިޔާސީ ކަންކަމުގައި ލީޑަރު ވިދާޅުވި ކޮންމެ ކަމެއް ކޮށްފައިވާނެ. މިދިޔަ ވެރިކަމުގައި ލީޑަރަށް އެންމެ ދަތިވި ދަނޑިވަޅުގައި ވެސް ލީޑަރު ވިދާޅުވީމަ އަމިއްލަ ޒަމީރު ގަބޫލު ނުކުރި ބައެއް ކަމުގައި މަޖިލީހުގައި ހުންނާނީ ވޯޓު ދީފައި. ނަމަވެސް މިފަހަރު އެގޮތަށް ކަންކަން ކުރެވެން ނެތީ މިހާރު މިއޮތް ހަމަ ޖެހުން ދެމެހެއްޓުން މުހިންމު ކަމަށް ގަބޫލުކުރެވޭތީ،" އިބްރާހިމް ހަސަން ވިދާޅުވި އެވެ.
"ރިޔާސީ ރޭހަށް ޖުމްހޫރީ ޕާޓީން ވަކިން ނުކުތުމަށް ވުރެ ގައުމަށް މާ ފައިދާ ވާނެ މިހާރު މިއޮތް ހަމަޖެހުން ދެމެހެއްޓުމަށް، މިހާރު އޮތް ކޯލިޝަނާއެކު ދިޔުން."
ޖުމްހޫރީ ޕާޓީން ވަކިވުމަށް އިބްރާހިމް ހަސަން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހުގެ ސަރުކާރު ވުޖޫދަށް ގެނައުމަށްޓަކައި ގާސިމާއެކު ކުރެވުނު މަސައްކަތަކަށް އުފާ ކުރައްވާ ކަމަށެވެ.

"މި ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަދި ގައުމުގެ ހަމަޖެހުމަށް ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތައް ބަލައިގަނެ، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި، އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމާފައިވާތީވެ، އަޅުގަނޑު ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން ވަކިވި ވާހަކަ ދެންނެވީމެވެ،" ސިޓީގައި ވިދާޅުވެފައިވެ އެވެ.
ދެހާސް އަށެއް އަދި 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ކުރެއްވި ނަމަވެސް ދެ ވަނަ ބުރަށް ނުދެ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ގާސިމަށް ވާދަ ނުކުރެއްވުނީ އުމުރުން 65 އަހަރު ވުމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީގައި ހިމެނި ޝަރުތު އަދި އިއްވި ޖަލު ހުކުމުގެ ސަބަބުންނެވެ.
ގާނޫނު އަސާސީ އަށް ގެނައި އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ބާތިލުކުރީ ނޮވެމްބަރު 29، 2018 ގަ އެވެ.
ޔާމީންގެ ވެރިކަމުގައި ރިޝްވަތުގެ ކުށުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވި ގާސިމް ޖަރުމަނުގައި ހުންނަވަނިކޮށް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން ނިންމީ ރިޔާސީ އިންތިހާބުން އޭރުގެ ރައީސް އަބްދުﷲ ޔާމީން އަށް ނާކާމިޔާބު ލިބިވަޑައިގެންނެވި ފަހުންނެވެ. ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލީ ސެޕްޓެމްބަރު 30، 2018 ގަ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ސޯލިހުގެ އިތުރުން، ގާސިމް އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަ ކުރައްވާނެކަން ވަނީ އިއުލާނު ކުރައްވައިފަ އެވެ. އަދި ޖަލަށް ހުކުމްކޮށްފައިވާ ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީނަށް ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ދީފަ އެވެ.
ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ ވަކިން އިންތިހާބަށް ނުކުތުމަށް ނިންމުމާއެކު، އެ ޕާޓީގެ އިސް ބައެއް މެމްބަރުން ވަނީ ޕާޓީން ވަކިވެފަ އެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދާ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު (ހަނަފީ) ހިމެނެ އެވެ. އެ ބޭފުޅުން މަގާމުތަކުގައި ތިއްބެވީ ޖޭޕީގެ ސްލޮޓުގަ އެވެ.











