ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ ނިމެންދެން، ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީނާއި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ، ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ޔާމީން ހުށަހެޅުއްވި ގިނަ ހުށަހެޅުންތަކެއް ބަލައިނުގަތުމަށް އެ ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި ނިންމުން ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގެ ޝަރީއަތް ފެށުމަށް ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތުން އެދިފައި ވަނީ ސްތިއުނާފުގެ ޝަރީއަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނޯޓިސްއެއް ފޮނުވާފައި ވަތީ ޝަރީއަތް މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށެވެ.
އެ ބެންޗުގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ މައްސަލާގައި ކޯޓުން ވަކި ގޮތެއް އަންގަންދެން ނުވަތަ ގޮތެއް ނިންމަން ދެން ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް އެ މައްސަލައާ ގުޅިގެން ކުރިއަށް ނުގެންދިޔުމަށް އަމުރުކޮށްފަ އެވެ.

މައްސަލައިގެ ފަސްފަހަތް
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެގޮތުން, ލީކުކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ޔާމީންގެ ވަކީލުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.












