ޑިމޮކްރަސީ އާލާކުރުމާއި ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އާކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ރައީސް ވިދާޅުވީ، ޑިމޮކްރަސީއަކީ އަބަދުވެސް އެއަށް ހޭނުމާއި އީޖާދީގޮތްތަކާއި އާކަންތައްތައް އޭގައި ހިމެނޭ އަދި އެންމެންގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާ އެއްޗެއް ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމު ކުރެއްވި "ސަމިޓް ފޯ ޑިމޮކްރެސީ" ގެ ދެވަނަ ބައްދަލުވުމުގައި ގައުމީ ބަޔާން އިއްވަވަމުންނެވެ.
އެގޮތުން، މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ވެސް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެކުގައި މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ޑިމޮކްރަސީ ސަމިޓުގެ ދެވަނަ ބައްދަލުވުމުގައި ރައީސް ވަނީ 2021 ވަނަ އަހަރު ބޭއްވި އެ ސަމިޓުގެ ފުރަތަމަ ބައްދަލުވުމަށްފަހު ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ފިސްކަލް އެކައުންޓަބިލިޓީ އާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ޑިމޮކްރަސީއެއް ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެން މުހިންމު ކަންތައްތައް ކަމަށެވެ.
އެ މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ މިނިވަންކަން އިތުރަށް ކަށަވަރު ކުރުމަށާއި ޕަބްލިކް ޕްރޮކިއުމަންޓް ޕޮލިސީތަކާއި އޮޑިޓް ނިޒާމުތައް ހަރުދަނާ ކުރުމަށް ގާނޫނަށް ދެ އިސްލާހެއް މި ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ،ސަރުކާރުން މަސައްކަތްކުރަނީ ޕާފޯމަންސް ބޭސްޓް ބަޖެޓިންއާ ދިމާއަށް ދިއުމަށް ކަމަށް ވެސް ރައީސް ހާމަކުރެއްވި އެވެ.

ޖުޑީޝަރީ އިސްލާހު ކުރުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ޖުޑިޝަރީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު ރަނގަޅުވެ، ކުރިޔަށްވުރެ ހަލުވިކޮށް އަދި ދެފުށް ފެންނަގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި، ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާ އިސްލާހާއެކު ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއި ސާކިޓް ކޯޓުގެ ނިޒާމު ތައާރަފު ކުރުމާއި އެ ޝަރްއީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާއި، ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ތަމްސީލުކުރުމުގައި ހަމަހަމަކަން ހޯދައި ދިނުމާއި، ލާމަރުކަޒީ ނިޒާމުގައި އަންހެން ކައުންސިލަރުންގެ އަދަދު އިތުރު ކުރެވުމަކީ މިންތީގެ ހަމަހަމަކަމުގެ ރޮގުން ރާއްޖޭން ހޯދި ކުރިއެރުންތަކުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު، މި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ލާމަރުކަޒީ ނިޒާމާއި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ގައުމީ ބަޔާނުގައި ރައީސް ވަނީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ހިނގާ ޑިމޮކްރަސީއެއް ރަނގަޅަށް ހިންގުމަށްޓަކައި މިނިވަން މަދަނީ ޖަމްއިއްޔާތަކުގެ މުހިންމު ދައުރު ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން، މަދަނީ ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމައަށް ގެއްލުންހުރި ކަންތައްތައްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ޖަމްއިއްޔާތަކުގެ ގާނޫނުގެ އަމާޒަކީ ދައުލަތުން އިތުރު މާލީ ވަސީލަތްތައް ފަހިކޮށްދީގެން މަދަނީ ޖަމިއްޔާތައް މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ.













