ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ޕްރައިމަރީގައި ބައިވެރިވުމަށް ޖުމްހޫރީ ޕާޓީން ދެންމެ ހުޅުވާލައިފި އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް ހެދުމަށް ނިންމާފައިވާއިރު މިއަދު ކުރި އިއުލާނެއްގައި ޖޭޕީން ބުނީ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ މީހުން މި ހިނގާ މާޗް 30، ގެ 12:00 ކުރިން ފޯމު ލާންޖެހޭނެ ކަމަށެވެ.
ރައީސުލްޖުމްހުރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހަމަވާ ފަރާތްތަކުން ޕްރައިމަރީގައި ވާދަކުރަން އެދޭއިރު އައީޑީކާޑާއި ވަނަވަރު ފޮނުވަންޖެހޭ ކަމަށް ޖޭޕީއިން ބުނެފައިވެ އެވެ. އާންމުކޮށް މިފަދަ ޕްރައިމަރީ ތަކުގައި ޕާޓީ މެންބަރުންގެ ކަނޑައެޅޭ އަދަދެއްގެ ސޮއި ހުށަހަޅަންޖެހުނު ނަމަވެސް ޖޭޕީއިން އެފަދަ ނުކުތާއެއް ބަޔާނުގައި ހިމަނާފައެއް ނުވެ އެވެ.
ޖޭޕީގެ އަސާސީ ގަވާއިދު މީގެ ކުރިން އޮންނަ ގޮތުން ނަމަ އެ ޕާޓީގެ ލީޑަރަކީ އޮޓޯއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. އެއާއެކު ބެލެވިފައި އޮތީ ރިޔާސީ ކެންޑިޑޭޓަކީ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް ކަަމަށެވެ.
އެހެންނަމަވެސް، މި ގަވާއިދު މިހާރު ބަދަލުކޮށްފައިވާ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް މިއަދު "އަދަދު" އަށް ވިދާޅުވި އެވެ.

އަލީ އާރިފް ވިދާޅުވީ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމި ނަމަވެސް ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.
"އެކަން ކަނޑައަޅާނީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރިޔާސީ ކެންޑިޑޭޓަށް ވުމަށް އެދި ޕާޓީގެ މެންބަރުންނަށް ހުޅުވާލުމުން ކުރިމަތިލުމުން ލާ ބޭފުޅުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން،" އަލީ އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްރައިމަރީ ކުރިއަށް ދާނީ ކައުންސިލްގެ މެދުގައި ކަމަށެވެ. އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރިޔާސީ އިންތިހާބުގައި ޕާޓީން އަމަލު ކުރާނެ ގޮތް ނިންމުމުގެ ބާރު އޮންނާނީ ޕާޓީގެ ކައުންސިލަށެވެ. އެހެންކަމުން އެ އިންތިހާބުގައި ޖޭޕީގެ އާންމު މެމްބަރުންނަށް ވޯޓެއް ނުލެވޭނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީން ނިންމާފައިވާއިރު ގިނަބަޔަކު ގަބޫލުކޮށްގެން ތިބީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. މީގެ ކުރިން ޖޭޕީއިން ރިޔާސީ އިންތިހާބުގައި 2008 އަދި 2013 ގައި ވާދަކުރި އިރުވެސް ޕްރައިމަރީއެއް ބާއްވާފައެއް ނުވެ އެވެ.











