އައްޑޫން މާލެއަށް ދަތުރުކުރަނިކޮށް ރޯވެ، އަޑިއަށްދިޔަ 'އާގަލާ' ބޯޓުން ގެއްލުނު އިންޑިއާ ފަޅުވެރިޔާ ހޯދުން ހުއްޓާލައިފި އެވެ.
ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑުން ހުއްޓާލާފައި ވަނީ 72 ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު އެވެ.
އެ އޮޕަރޭޝަނުގައި އޭނާ ހޯދުމަށް ކަނޑާއި ވައިގެ މަގުން ވަނީ 2164 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އާގަލާ ބޯޓުގައި ރޯވި އިރު ބޯޓުގައި ތިބީ ޖުމްލަ 15 ފަޅުވެރިންނެވެ. އެއީ ފަސް ދިވެހިންނާއި، ފަސް އިންޑިއާ މީހުން އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުންނެވެ. މީގެ ތެރެއިން 14 މީހުން އެމްއެންޑީއެފްގެ ކޯސްޓުގާޑުން ސަލާމަތްކުރީ ރޯވި ބޯޓުން ފުންމާލައި ކަނޑުވެފައި ތިއްބަ އެވެ.

އާގަލާ ބޯޓުގައި ރޯވީ މ. ތުވަރާ ނަމަކަށް ކިޔާ ރަށުގެ 0.96 ނޯޓިކަލް މޭލު ބޭރުންނެވެ.
އެ ބޯޓުގެ ބޮޑުބައި އަނދާ އަޑިއަށް ގޮސްފައިވާއިރު އެމްއެންޑީއެފްއިން ވަނީ އެ ބޯޓުން ފެންމަައްޗަށް އެރި ބައެއް ތަކެތި މ. އަތޮޅު ސަރަހައްދުން އުތުރަށް އޮޔާދާތީ އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.













