ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (ނޭޝަނަލް އައިޑެންޓިޓީ ކާޑު)ގެ ޑިޒައިން ބަދަލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅުނު ޑިޒައިންތަކުގެ ތެރެއިން އެއްވަނައަށް ދިޔަ 'އެންކްރިއާ ޕްރައިވެޓް ލިމިޓެޑް' އާއެކު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރުމަށް ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން 27 ގަ އެވެ. ނަމަވެސް ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން އެ އިއުލާން ބާތިލުކުރުމަށްފަހު އަލުން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު 16 ގަ އެވެ.
ޑީއެންއާރުން ބުނެފައިވަނީ ބޭނުންކުރާ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާ ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އާ އައިޑީ ކާޑުގެ ޑިޒައިން ކުރުން ކާމިޔާބުކޮށްފައިވާ އެންކްރިއާ އަކީ މަޝްހޫރު ގްރެފިކްސް ޑިޒައިނަރު އަބްދުﷲ ޝަފީއު (އަބޯ) އާއި ހުސެއިން ޝާޒިފް އާދަމް ހިއްސާދާރުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.
އެ ގޮތުން، 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ މުޅި ބްރޭންޑިން ފަރުމާކޮށްފައިވަނީ އެންކްރިއާ އިންނެވެ. އޭގެއިތުރުން ވެސް އެ މުބާރާތުގެ ރާއްޖޭގެ ކެމްޕެއިން ކަމަށްވާ “މަގޭ މަހަލްދީބު”ގެ ލެޓަރިން މަސައްކަތާއި މިދިޔަ އަހަރު ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑާއި، ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތުގެ ބްރޭންޑިން އަކީ ވެސް “އެންކްރިއާ”ގެ ޓީމުގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

މިހާރު ބޭނުން ކުރަމުންދާ އައިޑީކާޑު ހެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 1984ގަ އެވެ.













