ރާއްޖޭގެ ބައެއް ހިސާބުތަކުގައި ރުއްގަހަށް ޖެހޭ ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ އެވެ.
އެގްރިކަލްޗާ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އާ ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ބައްޔަކީ ދިރޭ ސުއިއްޕެއްގެ ސަބަބުން ޖެހޭ ބައްޔެއްކަން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށެވެ.
މި ބަލި ޖައްސާ ފަނިފަކުސާ ރުކުގެފަނާއި ގަސްގަހުގެ ފެހިބައިތަކަށް ހަމަލާދިނުމުން "ސޫޓީމޯލްޑް" ނަމަކަށް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ، ބައެއް ގަސްތައް މަރުވަމުން ދާކަން ފާހަގަކުރެފައިކަމަށް މިިނިސްޓްރީން ބުންޏެވެ.
މި ބައްޔަކީ ރުކާއި، ދަނޑުވެރިކަމަށް ހައްދާ ގަސްގަހުގެ އިތުރުން ބަގީޗާ ގަހަށް ވެސް ޖެހޭ ބައްޔެއްކަމަށް އެ މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ. މިހާރު މިނިސްޓްރީން ގެންދަނީ މި ބަލި ޖައްސާ ޖަރާސީމު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
މިފަދަ ބައްޔެއް ފެތުރޭތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ މިނިސްޓްރީން އިލްތިމާސްކުރި އެވެ. އެގޮތުން ގަސް ނުވަތަ ގަހުގެ ބައިތައް އެއްރަށުން އަނެއް ރަށަށް ގެންދާއިރު، ދަނޑު ނުވަތަ އެހެން ގަސްތަކާ ދުރު ހިސާބެއްގައި ގަސް ބަހައްޓައިގެން މި ބަލީގެ އެއްވެސް އަމާލަތެއް ފެނޭތޯ ބެލުމަށް ވަނީ އެދިފަ އެވެ.

މިނިސްޓްރީން އިތުރަށް ވަނީ މިބަލި އުޅޭކަމުގެ އެއްވެސް އަލާމާތެއް ގަހަކުން ފެނިއްޖެނަމަ ނުވަތަ ޝައްކު ކުރެވިއްޖެނަމަ، އެރަށެއްގެ ކައުންސިލް މެދުވެރިކޮށް އެކަން އެންގުމަށް އެދިފަ އެވެ.
ރުއްގަހަށް ޖެހޭ މިފަދަ ބައްޔެއް ހަލުވިކަމާއެކު ފެތުރެމުން އަންނަ އިރު، ކާށި ލިބުން ދަތިވުމުގެ ސަބަބުން ކާށީގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.
ކާށި ވިއްކާ ބައެއް ފަރާތްތަކުން މި ނޫހަށް ހިއްސާކުރި ގޮތުގައި، މި ދުވަސްވަރު ކާށި ލިބުން ދަތިވެފައިވަނީ ރުއްތަކަށް ބަލި ޖެހިގެނެވެ.













