އައްޑޫން މާލެއަށް ދަތުރުކުރަނިކޮށް ރޯވެ އަޑިއަށްދިޔަ 'އާގަލާ' ބޯޓުން ގެއްލުނު އިންޑިއާގެ ފަޅުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި ފަޅުވެރިޔާ ހޯދުމަށް ކަނޑާއި ވައިގެ މަގުން އިއްޔެ 332.35 އަކަ ކިލޯމީޓަރު ބަލާފައިވާ ކަމަށެވެ. އަދިވެސް އެމީހާ ނުފެންނަ އިރު ހޯދުމުގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ބޯޓުގައި ރޯވި އިރު ބޯޓުގައި ތިބީ ޖުމްލަ 15 ފަޅުވެރިންނެވެ. އެއީ ފަސް ދިވެހިންނާއި، ފަސް އިންޑިއާ މީހުން އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުންނެވެ. މީގެ ތެރެއިން 14 މީހުން އެމްއެންޑީއެފްގެ ކޯސްޓުގާޑުން ސަލާމަތްކުރީ ރޯވި ބޯޓުން ފުންމާލާ ކަނޑުވެފައި ތިއްބަ އެވެ.

އާގަލާ ބޯޓުގައި އަލިފާން ރޯވީ މ. އަތޮޅު ތުވަރާ ދިމާ ބޭރުން. -- އާޓްވޯކް: ރައްޔާން މުހައްމަދު/ އަދަދު
އާގަލާ ބޯޓުގައި ރޯވީ މ. ތުވަރާ ނަމަކަށް ކިޔާ ރަށުގެ 0.96 ނޯޓިކަލް މޭލު ބޭރުންނެވެ.

އެ ބޯޓުގެ ބޮޑުބައި އަނދާ އަޑިއަށް ގޮސްފައިވާއިރު އެމްއެންޑީއެފްއިން ވަނީ އެ ބޯޓުން ފެންމަައްޗަށް އެރި ބައެއް ތަކެތި މ. އަތޮޅު ސަރަހައްދުން އުތުރަށް އޮޔާދާތީ އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.













