ރޭ ދަންވަރު އަލިފާން ރޯވެގެން އަޑިއަށް ދިޔަ "އާގަލާ" ބޯޓުގެ ބައެއް ތަކެތި އޮޔާދާތީ ކަނޑުދަަތުރުކުރާ ފަރާތްތަކުން ސަމާލުވާން ސިފައިންގެއިން އެދިއްޖެ އެވެ.
އެމްއެންޑީއެފް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަޑިއަށްދިޔަ ބޯޓުން ފެންމަައްޗަށް އެރި ބައެއް ތަކެތި މ. އަތޮޅު ސަރަހައްދުން އުތުރަށް އޮޔާދާތީ އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އާގަލާބޯޓުގައި އަލިފާން ރޯވެ އަޑިއަށް ގޮސްފައި ވަނީ، މ. ތުވަރާ ނަމަކަށް ކިޔާ ރަށުގެ 0.96 ނޯޓިކަލް މޭލު ބޭރަށެވެ.
ބޯޓުގައި ރޯވުމުން ކަނޑަށް ފުންމާލި ފަޅުވެރިންގެ ތެރެއިން 14 މީހަކު އެމްއެންޑީއެފް އިން ސަލާމަތް ކޮށްފައިވާއިރު އިންޑިއާއަށް ނިސްބަތްވާ އެކަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ.













