އައްޑޫ އާއި މާލެއާ ދެމެދު މުދާއުފުލާ ބޯޓެއް ކަމަށްވާ އާގަލާ ބޯޓުގައި ރޯވެ އެ ބޯޓުން ދަތުރުކުރި ފަޅުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ބޯޓުގައި ރޯވެފައިވަނީ ރޭ ދަންވަރު 02:47 ގައި މ.ތުވަރުން 0.96 ނޯޓިކަލް މޭލު ބޭރުގައި އޮއްވަ އެވެ.

އާގަލާ ބޯޓުގައި އަލިފާން ރޯވީ މ. އަތޮޅު ތުވަރާ ދިމާ ބޭރުން. -- އާޓްވޯކް: ރައްޔާން/ އަދަދު
އަދި އެ ވަގުތު އެ ބޯޓުގައި ތިބީ 15 ފަޅުވެރިން ކަމަށާއި އެއީ ފަސް ދިވެހިންނާއި، ފަސް އިންޑިއާ މީހުން އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުން ކަމަށެވެ.

ބޯޓުގައި ރޯވުމުން ކަނޑަށް ފުންމާލި ފަޅުވެރިންގެ ތެރެއިން 14 މީހަކު އެމްއެންޑީއެފް އިން ސަލާމަތް ކޮށްފައިވާއިރު އިންޑިއާއަށް ނިސްބަތްވާ އެކަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ.
މި ހާދިސާގައި ބޯޓު ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފް ބުނެފައިވާއިރު ލިބުނު ގެއްލުމުގެ އިތުރު ތަފުސީލެއް އަދި ދީފައެއް ނުވެ އެވެ.












