ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދުމަށް "މޮޔަވެގެން" ނޫޅުއްވާ ކަމަށާއި ޝައުގުވެރިކަން ހުރީ އިހުލާސްތެރިކަމާއެކު ކުރާ މަސައްކަތްތަކަށް ތަރުހީބު ދެއްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ގޮންގްރެސް ނިންމުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، މާމިގިލީ ދާއިރާގެ މެމްބަރުގެ ގޮތުގައި ވެސް ހުންނެވި، ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވީ "ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އައުމަށް ވުރެ އަޅުގަނޑުގެ ޝައުގު އޮތީ މި ގައުމުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކަށް ތަރުހީބު ދީ އެކަންތައްތައް ކުރިއަށް ގެންގޮސް ނިންމުމަށް" ކަމަށެވެ.
"އަޅުގަނޑު ކޮންކަމަކާތޯ މިތާ ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ މަގާމަށް އަންނަން އަޅުގަނޑު މަސައްކަތް ކުރަންވީ. ކޮން އެއްޗަކަށް ހަދަންތޯ. ކޯއްޗެއްތޯ އަޅުގަނޑަށް ނެތީ. ﷲ އަޅުގަނޑަށް ދެއްވާފައިވާ އެ ނިއުމަތް ވަނީ ފުރާ ފުރިހަމަ ކުރައްވާފައި. ވަރަށް ރަނގަޅަށް. އައިމް ނޮޓް ކްރޭޒީ އިނގޭތޯ؟،"
ގާސިމް މިހެން ވިދާޅުވީ، އޭނާ ވެރިކަމަށް ވަޑައިގެންފާނެތީ ބައެއް ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކެއް ހުރި ވާހަކަ ފާހަގަ ކުރެއްވުމަށް ފަހު އެވެ.
"ބައެއް ވިޔަފާރިވެރިން ހީކުރޭ އަޅުގަނޑު ރައީސް ކަމަށް އައީމަ އެ ބޭފުޅުންނަށް ދެރަވާނެ ކަމަށް. ފުރިފައި ހުރި އެއްޗެއް ދުވަހަކު ވެސް ގުޑުގުޑެއް ނާޅާނެ،" އެއްވެސް ވިޔަފާރިވެރިއެއްގެ ނަން ފާހަގަ ނުކުރައްވައި އޭނާ ވިދާޅުވި އެވެ.

އާ ގާނޫނު އަސާސީން ބޭއްވި ރިޔާސީ ތިން އިންތިހާބުގައި ވެސް ވާދަކުރައްވި ނަމަވެސް ފުރަތަމަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައިވާ ގާސިމްގެ ރިޔާސީ ހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ވަނީ، އެ ޕާޓީގެ ކެންޑިޑޭޓަކު ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން 2023 ގެ ރިޔާސީ އިންތިހާބަށް ވާދަ ކުރުމަށް ގަރާރެއް ފާސްކޮށްފަ އެވެ.
އެ ގަރާރު ކައުންސިލުން ފާސް ނުވެއްޖެ ނަމަ އަމަލުކުރާކަށް ނުޖެހޭނެ އެވެ.
ރޭގެ ޖަލްސާއަށް ލިޔުއްވާފައި އޮތް ތަގުރީރު ބޭއްވުމަށް ފަހު، ގާސިމް ދެއްކެވި ވާހަކައިގައި އެންމެ ބޮޑަށް އަލިއަޅުވާލެއްވީ އިސްލާހީ މަސައްކަތްތަކުގައި ކުރެވިފައިވާ ތަޖުރިބާ އާއި ގައުމުގެ ބައެއް ކަންކަމާއި އިހްލާސްތެރިވުމާއި ހިތް ހާލާސްކުރެއްވުމުގެ މުހިންމުކުގެ މައްޗަށެވެ.
ގާސިމް ވިދާޅުވީ އެހެން މީހެއްގެ ފަރާތުން އޭނާއަށް ދެރަ ގޮތެއް މެދުވެރިވެފައި އޮތަސް، އެކަމަށް ހިތް ބުރަކަމެއް ނެތް ކަމަށާއި ހިތް ހަލާސް ކަމަށެވެ.
"އެއީ ކީއްވެގެންތޯ؟ އަޅުގަނޑަށް ﷲ ދެއްވި ތަނަވަސް ކަމާއި ރަހުމަތުން އަޅުގަނޑު މި ހުރީ ފުރާފުރިގެން. ހިތްފުރާ ފުރިގެން އުތުރި އަރައިގެން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ކުރާ ކަމަކީ މި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑަށް ލިބިފައި ހުރި މަދަރުވެރިކަމަކާއި އެހީތެރި ކަމެއްގެ މިންވަރުގެ ތެރެއިން އަޅުގަނޑަށް ދެވެން އޮތް މެކްސިމަމްއެއް ރައްދުކޮށް ދިނުން."
އޭނާ ލިބިވަޑައިގެންފައިވާ އެންމެ ރަނގަޅު އަނބިންނާއި އެންމެ ރަނގަޅު ދަރިންކަން ގާސިމް ފާހަގަ ކުރެއްވެވި އެވެ. އަދި އެ މަނިކުފާނު ލިބިވަޑައިގެންނެވި ތަނަވަސްކަމުގެ 60 ޕަސެންޓު ހޭދަކުރެއްވީ ގައުމުގެ ކުރިއެރުމަށް ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.
ނަޝީދަށް؛ ތައުރީފު އަދި ތަޖުރިބާ ނެތް ވާހަކަ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ރޭގެ ޖަލްސާގައި "އެކުވެރިޔާ" ގެ ގޮތުގައި ނަޝީދަށް މުހާތަބު ކުރައްވައި މާޒީގެ ހަނދާންތައް އާކުރެއްވެވި ނަމަވެސް، 2012 ގައި ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ތަޖުރިބާ ނެތުމުގެ ސަބަބުން ކަމަށް ވެސް ގާސިމް ފާހަގަ ކުރެއްވެވި އެވެ.
އެގޮތުން ތައުރީފު ކުރެއްވި އެއް ކަމަކީ ރައްޔިތުންނާ ގުޅޭ ކަންކަމުގައި ގޮތް ނިންމުން ލަސްނުވާތީ އެވެ. އެ މަނިކުފާނުގެ ވެރިކަމުގައި މުހިންމު ބައެއް ކަންކަމުގައި ގޮތް ނިންމުން ލަސް ނުކުރައްވާކަން ގާސިމް ފާހަގަ ކުރެއްވީ، އިބްރާހިމް އިސްމާއީލްގެ މަންދު ކޮލެޖު ހުއްޓާލަން ޖެހުނު މައްސަލައިގައި، އެ ކޮލެޖަށް ބަދަލު ލިބުން ލަސްވަމުން ދިޔުން ފާހަގަ ކުރެއްވުމަށް ފަހު އެވެ. އަދި ގާސިމްގެ ވިލާ ކޮލެޖަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް ކުއްޔަށް ދޫކޮށްފައިވާ 35 އަހަރު ދުވަހު މުއްދަތު އިތުރުކޮށް ދީފައި ނެތްކަން އޭނާ ފާހަގަ ކުރެއްވެވި އެވެ.
ވިލާ ކޮލެޖަކީ ނަޝީދުގެ ވެރިކަމުގައި ފެށި ކޮލެޖެކެވެ.
"ވަރަށް ދެރަވޭ، ވަރަށް އަސަރުކުރޭ އިނގޭތޯ. މިއީ ތައުލީމަށްޓަކައި ބަޔަކު ކުރަމުންދާ މަސައްކަތް. އެއީ މާދަމާގެ މުސްތަގުބަލު ހޯދައިދިނުމަށް ވާ ޖިހާދެއް. ވާ ގުރުބާނީއެއް. އެކަމަށްޓަކައި ދިވެހި ސަރުކާރުން ސަޕޯޓު ނުދެވޭ ކަމަށް ވަންޏާ ކީކޭތޯ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑު މި މަސައްކަތް ހުއްޓާލަންވީތޯ؟،" ގާސިމް ސުވާލު ކުރެއްވި އެވެ.
ހައްގުތައް އެގޮތަށް ބީވެގެން ދާއިރު "ހަތް އައްތަވާޅީން ގާނާ ގޮތަށް" އެ ކޯޓުން މި ކޯޓުން މައްސަލަ ގެންގޮސްގެން ކަންކަން ކުރަން ނުޖެހޭނެ ކަމަށާއި ހައްގު ބަދަލު ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެފަދަ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު ވެރިކަމުގައި ހުންނަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ މަނިކުފާނަށް އަޅުގަނޑު ސަޕޯޓުކުރާ ވަރަށް ފުރިހަމަ އެއް ސިފަ،" ނަޝީދުގެ ވެރިކަމުގައި ސަރުކާރުން ލަސްނުކޮށް ގޮތް ނިންމާކަން ފާހަގަ ކުރެއްވުމުގެ ގޮތުން ގާސިމް ވިދާޅުވި އެވެ.
އެހެން ނަމަވެސް، ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރު ތަޖުރިބާ ނެތް ކަމަށާއި ވެރިކަން ނިމިގެން ދިޔައީ އެކަމުގެ ސަބަބުން ކަމަށް، އޭރު ނަޝީދާ ދެކޮޅަށް މަސައްކަތް ކުރެއްވި ގާސިމް ފާހަގަ ކުރެއްވެވި އެވެ.
"ދެން އެހެން ނަމަވެސް ކަން ދިމާވި ގޮތުން އަޅުގަނޑު ދަންނަވާނަން، ލެކް އޮފް އެކްސްޕީރިއެންސް، ތަޖުރިބާ ދުނިޔޭގެ ކަންތައްތަކުގައި ހުންނަންވީ ވަރަށް ލިބިވަޑައިގެން ނެތުމާއެކު މިސްޓޭކެއް ހެއްދެވުނީ. ދެން ކުރާނެ ކަމެއް ނެތް،" ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ 7، ވަނަ ދުވަހުގެ އެ މަނިކުފާނާ ދެކޮޅަށް ފުލުހުންނާ ސިފައިން ނުކުތުމާ ގުޅިގެން އިސްތިއުފާ ދެއްވަން މަޖުބޫރުވި ހާލަތަށް އަދި އެ ހާލަތު މެދުވެރިވި ސަބަބުތަކަށް އިޝާރާތް ކުރެއްވުމުގެ ގޮތުން ގާސިމް ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަމުގައި "ވަތަން އެދޭ ގޮތަށް" ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ގާސިމް ހުންނެވުމަށް ފަހު ވެރިކަމުގެ ކުރީކޮޅުގައި އިސްތިއުފާ ދެއްވެވި އެވެ. އެއަށް ފަހު ނަޝީދުގެ ވެރިކަން ނިމުމަކަށް އޭރުގެ އިދިކޮޅު ޕާޓީތަކާއެކު ގެނައުމަށް މަސައްކަތް ކުރެއްވެވި އެވެ.
އޭރު ނަޝީދުގެ ތަޖުރިބާ ނެތް ނަމަވެސް މިހާރު "އެކަން ރަނގަޅުވެފައި ހުންނާނެކަމަށް" ގަބޫލު ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އިސްލާހީ މަސައްކަތްތަކާއި އެމްޑީޕީގެ ވާހަކަ
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އިސްލާހީ ބަދަލުތައް ގެންނަން އެ މަނިކުފާނަށް މަޖުބޫރުވެވަޑައިގަތީ އެތެރެއިންނާއި ބޭރުގެ ފިތްތުމުގެ ސަބަބުން ކަމަށް ވެސް ގާސިމް ފާހަގަ ކުރެއްވެވި އެވެ.
އެ މަސައްކަތުގައި ނަޝީދާއި އޭނާގެ ބައިވެރިން ރާއްޖޭން ބޭރުގައި މަސައްކަތް ކުރައްވަމުން ގެންދެވިއިރު ރާއްޖޭގައި އެ މަސައްކަތް ކުރިއަށް ގެންދެވި އެއް ބޭފުޅަކީ ބޯގަންވިލާ އިބްރާހިމް އިސްމާއީލްކަން ގާސިމް ފާހަގަ ކުރެއްވެވި އެވެ. އަދި އާ ގާނޫނު އަސާސީ ހޯއްދެވަށް ފަހު އުފެއްދި ފުރަތަމަ ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެ ޕާޓީ އުފެއްދުމަށް ހުދު އޭނާ ވެސް މަސައްކަތް ކުރެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެމްޑީޕީ އުފެއްދީ ކޮން ބައެއްތޯ. އަޅުގަނޑުވެސް އޭގައި ހިމެނެއޭ އިނގޭތޯ. އޭގައި އެންމެ ބޮޑު ރިސްކު ނަގައިގެން އެންމެ ބޮޑު މަސައްކަތެއް ކުރި އެކަކޭ އަޅުގަނޑު މިއީ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރިހަމަ ބާރު ނަޝީދަށް ގެއްލި، ޕާޓީ ދެ ފެކްޝަނަށް ބެހިފައިވާއިރު ރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ "ނަޝީދުއާ ނުލައި އެމްޑީޕީ ނޯންނާނެ" ކަމަށެވެ.
"އެމްޑީޕީ މަނިކުފާނާ ނުލައި އޮންނާނެ އެއްޗެއް ކަމަށް ގަބޫލެއް ނުކުރަން. އެއީ އަޅުގަނޑުގެ ވިސްނުން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ރަސްމީ ބައި ނިންމުމަށް ފަހު ބޭއްވި ހަފުލާއަށް ރައީސް ސޯލިހު އާއި ނަޝީދު ވަޑައިގަންނަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ވާހަކަތަކުގެ ތަފްސީލަށް ވަޑައިގަތުމުގެ ބަދަލުގައި ގާސިމް ވިދާޅުވީ ވަކި ދެ ޕާޓީގެ ބަދަލުގައި ގާސިމް އެމްޑީޕީއާއެކު ނުވަތަ ނަޝީދާއެކު މަސައްކަތް ކުރެއްވި ނަމަ ސިޔާސީ ކަންކަމުގައި ދުޅަހެޔޮ ވާދަވެރިކަމެއް، އަދި ޝައުގެއް ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑާއި މަނިކުފާނާ [ނަޝީދު] ދެމީހުން އެއްކޮޅަކަށް އަރައިގެން މި ހުރިހާ ކަމެއް ކުރިނަމަ މިހުރިހާ ކަމެއް ނިމި ގޮސްފައި އޮތީހީ. ޝައުގުވެރިކަމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުނުވެ އިންތިހާބުން ބަލިވުމުން އަމަލުކުރަންޖެހޭ ގޮތުގެ ނަސޭހަތެއް ވެސް މިހާރު އުމުރުން 73 އަހަރު ވެފައިވާ ގާސިމް ދެއްވެވި އެވެ.
"އިންތިހާބެއްގައި ނާކާމިޔާބުވެގެން އެއްވެސް ބޭފުޅަކު ޖެހިލުންވެވަޑައި ނުގަންނަވާށޭ. އަދި ކިތަންމެ ދުވަހަކު ކިތަންމެ ބޮޑު ހިދުމަތެއް ކުރެއްވި މީހަކު ކަމަށް ވިޔަސް އަލްވަދާއު ކިޔަންޖެހޭ ދުވަހެއް އަންނާނެ. އެކަމުގެ ހިތްވަރު އެ މީހެއްގެ ގައިގައި ހުންނަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ގާސިމްގެ މި ވާހަކަ އެއްވެސް ބޭފުޅަކަށް ނިސްބަތް ނުކުރެއްވި ނަމަވެސް، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ނަޝީދު ހުންނެވީ އެމްޑީޕީގެ ޕްރައިމަރީގެ ބަލި ގަބޫލު ނުކުރައްވައި، ރައީސް ސޯލިހު ދެ ވަނަ ދައުރަކަށް ހޮވިވަޑައިގަތަނުދިނުމަށް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރެއްވުމުގަ އެވެ.
ރައީސް ސޯލިހަށް ރައްދު ކުރެއްވެވި ވާހަކަ
ރައީސް ސޯލިހު ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާއިރު، ރައްޔިތުންގެ މަދުގައި ކުރަންޖެހޭ ކަންކަން ދިގުލައިގެން ލަސްވެގެން 10 އަހަރު ކޮޅަށް ދިޔުމަކީ ކަމުދާނެ ގޮތެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. އިޝާރާތް އެ ކުރެއްވީ ރައީސް ސޯލިހުގެ ވެރިކަމުގައި ކަންކަން ނިންމެވުމުގެ ލަސްކަމުގެ ވާހަކަ އަށެވެ.
އެ ވާހަކަ ވިދާޅުވުމުގެ ކުރިން މަންދު ކޮލެޖުގެ ވާހަކަ އާއި ވިލާ ކޮލެޖުގެ މުއްދަތު އިތުރު ނުކޮށްދޭ ވާހަކަ ފާހަގަ ކުރެއްވެވި އެވެ. އަދި އިންސާފު ދިގުލައި ދިޔުމަކީ އިންސާފު ނުލިބުން ކަމަށާއި މަންދު ކޮލެޖުގެ މައްސަލަ ކޯޓުތަކުގައި ދިގުލައި ދިޔުމަކީ އިންސާފު ނުލިބުން ކަމަށް ގާސިމް ފާހަގަ ކުރެއްވެވި އެވެ.
"އެކަމުގައި އިނގިލި އަޅުއްވައިގެން ހުންނެވީ ކޮން ބޭފުޅެއްތޯ،" ގާސިމް ވިދާޅުވި އެވެ.

ފެބްރުއަރީ 6 ގައި ރައްޔިތުންގެ މަޖިލީސް ހުޅުވަން ބޭއްވި ޖަލްސާއަށް ރައިސް ސޯލިހު ވަޑައިގެން ގާސިމްއާ ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ކުރީގެ ރައީސުންގެ ރަނގަޅު ވާހަކަ ގާސިމް ފާހަގަ ކުރެއްވިއިރު، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނގަޅު ވާހަކަ ދައްކަވާފައި ނުވާކަން ފާހަގަކޮށް ބައެއް ނޫސްތަކުން ހަބަރު ގެނެސްދީފައިވެ އެވެ.
"އަޅުގަނޑު ބުނެފިތަ އެބޭފުޅާ [ރައީސް ސޯލިހު] ގޯހޭ. އެންމެ ފަހަރަކު ވެސް އަޅުގަނޑު ދަންނަވައިފިތޯ. ކީއްތޯ މިވަނީ. ހައިރާންވޭ، މަގޭ އަނބިމީހާ އެއީ ޓްރާންސްޕޯޓް މިނިސްޓަރޭ،" ގާސިމް ވިދާޅުވި އެވެ.
މި އަހަރު ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް ގާސިމްއާއެކު ދަނީ މަޝްވަރާ ކުރަމުންނެވެ. މިހާތަނަށް ރައީސް ސޯލިހާއެކު އަދާލަތު ޕާޓީއާއި އެމްޑީއޭއިން 2023 ގެ ރިޔާސީ އިންތިހާބަށް ވަނީ ކޯލިޝަން ހަދައިފަ އެވެ.











