ޖުމްހޫރީ ޕާޓީގެ މިހާރު ކުރިއަށްދާ ކޮންގްރެސްގެ ތެރެއިން ހުށަހެޅި ގަރާރަށް ވަކި އެއްޗެއް ވިދާޅުނުވެ, ރިވެތި ގޮތުގައި ބަހުސް ކުރެއްވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއް ވާދަކުރުމަށް ލަފާދޭން ގަރާރެއް ކޮންގްރެސްއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ.
ގަރާރަށް ބަހުސް ކުރުމުގެ ފުރުސަތު ދެއްވާ ވާހަކަ ދައްކަވަމުން ގާސިމް ވަނީ މިރޭ ޖޭޕީގެ ކޮންގްރެސްއަށް ހުށަހެޅިގެންދާ މައްސަލައަކީ މުޅި ރާއްޖެ ވެސް ޝައުގުވެރިވާ ކަމެއް ކަމަށްވާތީ ވަރަށް ކެތްތެރިކަމާއެކު, އިހުތިރާމާއެކު ބަހުސް ކުރިއަށް ގެންދިއުމަށް މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި މިރޭގެ ބަހުސް ގެންދަންވާނީ އިލްމީ ގޮތުން ގައުމުގެ މަސްލަހަތާއި އަމާންކަން ދަމަހައްޓައިގެން ބަހުސް ކުރިއަށް ގެންދެވުމަށް ވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ކަންކަމުގައި މީހުންނާ ރުޅި ވާންވާނީ އަލުން ރައްޓހި ނުވެވޭވަރަކަށް ނޫން ކަމަށާއި, ވަކި ވާންވާނީ ދުރަށްދާން ބޭނުންވާ ހިނދެއްގައި ވަކި ނުވެވޭ މިންވަރަށް ނޫން ކަމަށެވެ. އަދި އެކަން މާޒީގެ ތަޖުރިބާއިން ފެންނަމުންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ މިބާވަތުގެ [ސިޔާސީ] ކަމެއްގައި ޖޯޝާއި ފޯރިން ފުރިގެން އަތްނަގާފައި ތިމަންނާގެ އަތުގައޭ އެންމެ ބާރު ގަދަވާނީ, މިހެން ބުނެ, އެއްވެސް ބޭފުޅަކު ވާހަކަ ނުދެއްކެވުމަށް އިލްތިމާސްކުރައްވާ, އެއިން ލިބޭނެ މޮޅެއް ނޯންނާނެކަން ފާހަގަކުރައްވާފަ އެވެ. އަދި ސިކުނޑިން ވިސްނައިގެން ކުރިއަށް ގެންދިއުމަށް ގާސިމް އެދިލެއްވީ ބަހުސާމެދު ވަކި ގޮތަކަށް ދެކެވަޑައިގަންނަވާކަން ހާމަ ނުކުރައްވަ އެވެ.

ރިޔާސީ އިންތިހާބަށް ޖޭޕީން ވާދަކުރަން ނުވަތަ ޖޭޕީ އިސްވެ އޮންނަ ކޯލިޝަނަކުން ނުކުންނަން ގަރާރެއް ހުށަހަޅާ, ބަހުސް ކުރަން ވަނީ ފަށާފަ އެވެ. މި ގަރާރު ކޮންގްރެސް އިން ފާސްކުރި ނަމަވެސް, އެއަށް އަމަލު ކުރުން ކައުންސިލުން ފާސްނުކުރާހާ ހިނދަކު ޕާޓީގެ މައްޗަށް ގަރާރު ލާޒިމެއް ނުވާނެ ކަމަށް އެ ޕާޓީން ވަނީ މީގެ ކުރިން ބުނެފަ އެވެ.












