އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ދެ ރުފިޔާ ނަގަން ޖެހޭނެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފި އެވެ.
ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ދެ ރުފިޔާ ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ. ބިލުގައިވާ ގޮތުން މި ބިލު ގާނޫނަކަށް ބަދަލުވެ، އަމަލު ކުރަން ފަށާތާ 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން، ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގައި، ކަސްޓަމަރަށް ދޫކުރާ އިންވޮއިސްގައި ފީގެ އަދަދު އެނގޭނެހެން ހިމަނަން ވާނެ އެވެ.
މިގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ، ޑިއުޓީފްރީ ފިހާރަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅާއި ބަންދުނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު އަދި ފަންސާސް ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އިސްތިސްނާ ވާނެ އެވެ.
މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ މީރާއަށް ދެއްކުން މިބިލުގައި ވަނީ ލާޒިމުކޮށްފަ އެވެ. މި ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުމުގައި އަމަލުކުރާނެ އުސޫލުތަކާއި ގަވާއިދު، މިގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މީރާއިން އެކުލަވާލަން ޖެހެ އެވެ.

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފު ވެއްޖެނަމަ، 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މި ގޮތުން ނެގޭ ޖޫރިމަނާތައް ޖަމާކުރަން ޖެހޭނީ މޯލްޑިވްސް ގްރީން ފަންޑް އަށް ކަމަށް ބުނެ، ކޮމިޓީން ވަނީ މާއްދާއެއް އިތުރުކޮށްފަ އެވެ.
މީގެ އިތުރުން ވެސް މި ބިލުގައި ވަނީ ކުނި މެނޭޖުކުރަން ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ހިންގާނެ ގޮތް ބަޔާން ކޮށް، އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލައި، ކޮންމެ ފަސް އަހަރަކުން މުރާޖައާ ކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
މި ގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ވޯޓުންނެވެ.













