އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރީ އިއްޔެ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގަ އެވެ.
ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީންގެ މައްސަލަ އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަންވެފައިވާ ޖުޑިޝަރީއެއް އޮވެގެން ކަމަށެވެ.
މީގެކުރިން ޔާމީންގެ ވަކީލުން ވިދާޅުވީ އެ ބޭފުޅުންގެ އަމާޒަކީ ކުރިއަށް އޮތް މާޗު މަހުގެ ތެރޭގައި ޔާމީން މިނިވަންކުރެއްވުން ކަމަށެވެ.
"އާންމު ގޮތެއްގައި އިސްތިއުނާފްގެ ޝަރީއަތް މާ ދިގުލައިގެނެއް ނުދޭ، ދަށު ކޯޓު މަރުހަލާގައި ދެމިގެންދާ ވަރަށް، ގާނޫނުގައި އޮތް މުއްދަތުގައި އިސްތިއުނާފްކޮށް، އަޅުގަނޑުމެންގެ ވަކީލުންގެ އުންމީދަކީ، ހައި ކޯޓުން މައްސަލަ ކާމިޔާބުކޮށް، މި މާޗު މަހު ރައީސް ޔާމީން މިިނިވަން ވެގެން ދިޔުން،" ޖަމީލު މީގެ ކުރިން ވިދާޅުވި އެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓު ޔާމީނަށް އަރުވާފައިވީ ނަމަވެސް މި ހުކުމުގެ ސަބަބުން މިވަގުތު ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ ގޮތުގައި ގާނޫނީ އަސާސީގައި ބަޔާންކޮށްފައި އޮންނަ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރި ކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހުމެވެ.
އާރަށު މައްސަލަ އިސްތިއުނާފު ކޮށްފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ އިތުރު މައްސަލައެއްގެ އަޑުއެހުންތައް އަންނަ މަހަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. އެގޮތުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގެ އިފްތިތާހީ ބަޔާން އިއްވުމުގެ އަޑުއެހުން އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.
މުހިންމު ބައެއް ހަބަރު
- މި އަހަރު ސެޕެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރުމުގެ ކުރިން އެ ޕާޓީއާއެކު އަދާލަތު ޕާޓީއިން ކުރާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ބޭއްވި އެވެ.
- މި މަހުގެ އެއްވަނަ ދުވަހުގެ ރޭ އއ. މަތިވެރިން ގެއްލިފައިވާ އެ ރަށު ރިވެލި، ހަސަން އަލީ (ހަސަންފުޅު)، 73 ހޯދުމަށް ކުރާ ތަހުގީގަށް ލިބުނު ބައެއް މައުލޫމާތާ ގުޅިގެން މާލޭ ސަރަހައްދުތަކެއްގެ ސީސީޓީވީ ފޫޓޭޖު ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ،
- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިއުއާރް ކޯޑު މެދުވެރިކޮށް ކުރެވޭ މުއާމަލާތް 750ރ. އަށް ލިމިޓްކުރި އެވެ.
- ކަނޑުދަތުރުކުރާ އުޅަނދުތަކަށް އަރުވާ މުދަލަށް ލިބޭ ގެއްލުމަށް އެ އުޅަނދެއްގެ ވެރިފަރާތުން ޒިންމާ ވާން ޖެހޭނެ ކަމަށް ކަނޑައަޅައި ގަވާއިދެއް ގެޒެޓުކުރި އެވެ.
- މާލޭގައި ސްޕާތަކުގެ ނަމުގައި މަސާޖުގެ ހިދުމަތްދޭ ތަންތަން އިތުރުވެގެން ދިޔުމާއެކު، ސްޕާތަކުގެ ހިދުމަތްތައް މޮނީޓާކޮށް އެތަންތައް ހިންގުމަށް ހަރުކަށި ގަވާއިދެއް ސަރުކާރުން އެކުލަވާލި އެވެ.
ދުވަހުގެ ކޯޓޭޝަން
ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އަދާލަތު ޕާޓީ އާއި އެމްޑީޕީއާއެކު ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުމާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ،
އަދާލަތު ޕާޓީގެ ފަރާތުން އެދޭކަންކަމާއި އަޅުގަނޑުމެންގެ ކަންބޮޑުވުންތަކާ އަދި ކަންކަން ހައްލުކުރުމަށް ފެންނަ ގޮތްތައް ވެސް ހުށަހަޅާ އެކަންކަމާމެދު މަޝްވަރާ ކުރެވުނު. މަޝްވަރާތައް ދިއައީ ވަރަށް އީޖާބީކޮށް. އަދި ހުރިހާ ކަމަކަށް ސީދާ އެއްބަސްވުމަކަށް ނާދެވޭ،"
ދުވަހުގެ ފޮޓޯ

ގޯލްޑެން ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. -- ފޮޓޯ: އަދަދު











