ސްޕާތަކުގެ ހިދުމަތްތައް މޮނީޓާކޮށް އެތަންތައް ރަޖިސްޓްރީކޮށް ހިންގުމަށް ހަރުކަށި ގަވާއިދެއް ސަރުކާރުން މިއަދު އެކުލަވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކުރި ގަވާއިދުގައި ބުނެފައިވާގޮތުން މިއަދަށްފަހު ސްޕާތައް އިސްތިހާރުކުރުމުގައި އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފަކު އެ ތަނަކުން ފޯރުކޮށްދޭ ހިދުމަތަކާ ގުޅޭ އޯޑިއޯއެއް ނުވަތަ ވީޑިއޯ، ފޮޓޯ އެއްވެސް އަމިއްލަ ހައިސިއްޔަތުން ވެސް މީސްމީޑިއާގައި އާންމު ނުކުރެވޭނެ އެވެ.
އޭގެ އިތުރުން، ސްޕާތައް އިސްތިހާރުކުރުމުގައި މުޖުތަމައުގެ އަދި އިޖުތިމާއި އަހުލާގީ މިންގަނޑުތަކަށް ފެތޭގޮތައް އިސްތިހާރުތައް ގެނެސްދިނުމަށް ވަނީ އަންގާފަ އެވެ. އަދި ސްޕާތައް އިސްތިހާރުކުރުމުގައި އެއްވެސް މީހަކު ނުދެއްކުމަށް އަދި ނުހިމެނުމަށް މި ގަވާއިދުން ވަނީ މަޖުބޫރުކޮށްފަ އެވެ.
ސްޕާތައް އިސްތިހާރުކުރުމުގައި މިފަދަ ހަރުކަށި އުސޫލުތަކެއް ގާއިމުކޮށްފައިވާ މި ދަނޑިވަޅަކީ މިހާރު ރާއްޖޭގައި ހިންގާ ބައެއް ސްޕާތަކުން އެ ތަންތަނުގައި ހިދުމަތްދޭ ފަރާތްތަކުގެ މަންޒަރާއި އަޑު ބޭނުންކޮށްގެން ބޭއަދަބީ އިސްތިހާރުތައް ފަތުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އިސްތިހާރުކުރުމުގެ އިތުރުން މި ގަވާއިދުގައި ސްޕާތައް ރަޖިސްޓްރީކުރުމާއި، ހިންގުން އަދި އިންސްޕެކްޓްކުރުމަށް ވެސް ވަނީ ގިނަ އުސޫލުތަކެއް އެކުލަވާލާފަ އެވެ.

މިއަދު އަމަލުކުރަން ފެށި އެ ގަވާއިދުގެ ދަށުން ރާއްޖޭގައި ދެން ސްޕާތައް ހިންގޭނީ އިކޮނޮމިކް މިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ ދަށުން ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެންނެވެ. ގަވާއިދަށް އަމަލުކުރަން ފަށާއިރު ހިންގަމުންދާ ސްޕާތައް ރަޖިސްޓްރީކޮށް ދަފުތަރުކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބިގެންދާނެ އެވެ.
އޭގެ އިތުރުން، ސްޕާގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީން ވާންވާނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި އެކަން ކުރުމުގެ ހުއްދަ އޮތް އަދި ހިދުމަތްދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާގެ ދަށުން ދޫކޮށްފައިވާ ވޯކް ޕާމިޓެއް އޮތް ފަރާތަކަށެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތައް ނެގެހެއްޓުމަށް ހަރުކަށި އަދަބުތަކެއް ވެސް މި ގަވާއިދުގައި ހިމަނާފައިވެ އެވެ. އެގޮތުން، ދެން ސްޕާއެއް ރަޖިސްޓްރީނުކޮށް ހިންގާ ނަމަ އެ ފަރާތެއް 10،000ރ. އިން ޖޫރިމަނާކޮށް ވަގުތުން އެ ތަނެއް ހުއްޓާލުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންދާނެ އެވެ.
ގަވާއިދާ ހިލާފަށް ކުރާ އަމަލުގެ ކުޑަބޮޑުމިނަށް ބަލާ އެ ސްޕާއެއް އިސްލާހުކުރުމަށް އެންގުމާއި ޖޫރިމަނާ ކުރުމާއި ރަޖިސްޓްރޭޝަން ބާތިލުކުރުން އަދި ވަގުތުން ބަންދުކުރުމުގެ އިހުތިޔާރު ވެސް އެ ގަވާއިދުގެ ދަށުން ރަޖިސްޓްރާއަށް ވަނީ ލިބިދީފަ އެވެ.













