ފާއިތުވި ތިން އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ކްލަބް އީގަލްސް އަށް ސޮއިކޮށްފި އެވެ.
ފޭދޫ އިއްބެ، ކްލަބް އީގަލްސް އަށް ބަދަލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
މީގެ ކުރިން ވެސް ފުރަތަމަ ޑިވިޝަން ޓީމުތަކާ ގުޅެން އެކި ފަހަރު މަތިން ފުރުސަތު ލިބުނު ފޭދޫ އިއްބެ އަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނީ 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ގދ. ފަރެސްމާތޮޑާ ކޮޅަށް އޭނާ ޖެހި މޮޅު ގޯލާ އެކު އެވެ. އޭރު ވެސް، ފޭދޫ އިއްބެ އަށް ގިނަ ޓީމުތަކަކުން ދިޔައީ ފާރަލަމުންނެވެ.
ފުރަތަމަ ޑިވިޝަނުގައި ފޭދޫ އިއްބެ، އެންމެ ފުރަތަމަ ގުޅުނީ 2017 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށެވެ. ފުރަތަމަ ޑިވިޝަނުގައި 2017 ވަނަ އަހަރު ކުޅެން ނުކުމެ، ފޭދޫ އިއްބެ ވަނީ އެ ފަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ޓީސީން ހޯދިއިރު، އެ މުބާރާތުގައި މޮޅަށް ކުޅެފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ފޭދޫ އިއްބެ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
ރާއްޖޭން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ދެ ވަނަ ފަހަރަށް ކާމިޔާބުކުރިއިރު، ފައިނަލުގައި އިންޑިއާ ކޮޅަށް ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހި ފޭދޫ އިއްބެ، މާޒިޔާ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. މިދިޔަ ތިން އަހަރު ފޭދޫ އިއްބެ ވަނީ މާޒިޔާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
އީގަލްސް އިން އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ވަނީ ޔުނައިޓެޑް ވިކްޓަރީގެ ލަމާން ޒުހައިރު، އައިހަމް ސައީދު (އައިކޮ)، އަބްދުﷲ އަމިން އަދި މޫސާ އަޒީމް އެވެ. މި ކުޅުންތެރިންގެ އިތުރުން، އީގަލްސް އިން ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި ކުރިން އީގަލްސް އަށް ކުޅުނު މުބީން އިބްރާހިމް (މުއްކި) ވެސް ގެނެސްފަ އެވެ.
ކުރިއަށް އޮތް ތިން ސީޒަނަށް އީގަލްސްގެ ކޯޗަކަށް އިހުސާން އަބްދުލް ގަނީ (ސާންތީ) ހަމަޖައްސާފައިވާއިރު، އެ ޓީމުން ވަނީ ތިން ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް އާ ކޮށްފަ އެވެ. އެއީ އެ ކްލަބްގެ ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ އިމްރާން ނަޝީދު (އިންމަ) އާއި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން، ހުމައިދު ހުސެއިން އެވެ.
މާޒިޔާ އިން ވަނީ އީގަލްސް އަށް ކުޅުނު ތިން ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. އެއީ ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އާއި އަހުމަދު ނޫމާން (ހެލްމެޓް) އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.












