ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ތައާރުޒުވާ ބައިތައް އުނިކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެެެެ މަޖީލީހަށް ކުލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖީލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖީލީހުގެ ހެެެެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެެ.
މި މައްސަލާގައި ބުނީ އެމްޑީޕީގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެއް ސިޔާސަތަކީ، "މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދު ކުރުން" ކަމަށެވެ. އަދި 2008 ވަނަ އަހަރާއި، 2013 ވަނަ އަހަރުގެ އިތުރުން 2018 ވަނަ އަހަރު ވެސް އެމްޑީޕީ އިން އެކުލަވާލި މެނިފެސްޓޯތަކުގައި ސާފުކޮށް ބަޔާންކުރާ އެއް ކަމަކީ ޒުވާން ޖީލު މަސްތުވާތަކެތީގެ ޝިކާރައަށްވެ އެ ޖީލު ހަލާކުވެ ނެތި ދިޔުމުން ސަލާމަތްކުރުން ކަމަށެވެ.
މެންބަރު ލަތީފް ހުށަހެޅުއްވި މައްސަލާގައި ވަނީ ޕާޓީގެ ސިޔާސަތާ ދިމާ އިދިކީއްޔަށް، ސަރުކާރުން ވަނީ މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާ އެކު، ބިރެއް ނެތި އެ ވިޔަފާރި ކުރެވޭނޭ ގޮތަށް އަދި އެ ވިޔަފާރިއަށް ހިއްވަރު ލިބޭނޭ ގޮތަށް ސިޔާސަތު ކަނޑައަޅައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައި ކަމަށެވެ.
މި މަހުގެ ތެރޭ ގަތަރުގެ ދޯހާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބެލިއިރު މަސްތުވާތަކެތި ފެނިފައިވެ އެވެ. އޭނާ އެތެރެކުރި 6.2 ކިލޯގެ މަގުމަތީ އަގުގައި 5.6 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތެވެ. އެ ގެނައި މީހާ ރާއްޖެ އެތެރެވިޔަނުދީ ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ. އެމީހާ ފޮނުވާލާފައިވަނީ ގަވައިދަށް ރިއާޔަތްކޮށްގެން ކަމަށް ބުނެފައިވެ އެވެ.

"މި ކޭހުގައި ޝާމިލްވާ ފަސިންޖަރު ވަނީ، ގަވާއިދު ނަންބަރު: 58-އާރު/2023، ވައިގެ މަގުން ދިވެހިރާއްޖެ އަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދާ އެއްގޮތަވާ ގޮތުގެ މަތިން ތަންފީޒީ އިދާރާތުގެ މަޝްވަރާއާއެކު ރާއްޖެ އަށް އެތެރިޔަ ނުދީ މޯލްޑިވްސް އިމިގްރޭޝަނުން އަނބުރާ ފޮނުވާލާފަ،" ކަސްޓަމްސްގެ ބުނެފައިވެ އެވެ.
އަލަށް އަމަލުކުރަން ފެށި މި ގަވާއިދު ގެޒެޓްކޮށްފައި ވަނީ ޖެނުއަރީ 26، 2023 ވަނަ ދުވަހު އެވެ.
ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ބުނީ ގާނޫނުން ކުށާއި އަދަބު ކަނޑައަޅައިފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި އެ ގަވާއިދު ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. އަދި ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު ގައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އާ ތައާރުޒުވާ ބައިތައް އުނިކުރަން ޖެހޭ ކަމަށެވެ.
އެހެންވެ މައްސަލާގައި ސަރުކާރަށް ގޮވާލަނީ އެކަން ބަދަލުކުރުމަށެވެ.
ގަވާއިދުގައި ބުނަނީ ކީކޭ؟
ވައިގެ މަގުން ދިވެހިރާއްޖެ އަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި 7 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ،
ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީންގެ ތެރެއިން، އެ މީހެއްގެ ލަގެޖުން ނުވަތަ ހަށިގަނޑުގެ ތަނަކުން މަސްތުވާތަކެތި ފެނިގެން ނުވަތަ އެފަދަ ތަނެއްގައި ފޮރުވައިފައި ހުރިކަމަށް ޝައްކުކުރެވިގެން، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯކަލް ޕޮއިންޓުންގެ މެދުގައި މަޝްވަރާކޮށް، އެ މީހަކު އެތެރެވުމުގެ ހުއްދަ ދީފިނަމަ ދިމާވެދާނެ ކަންކަމުގެ މައްޗަށް ބަލައި، އެންމެ ރަނގަޅުގޮތަކީ އެ މީހާ ދިވެހިރާއްޖެ އެތެރެވުމުގެ ފުރުސަތު ނުދީ، އެ މީހާ ގެނައި މަސްތުވާ ތަކެތި ނުވަތަ އެ މީހާ އަތުގައި ހުރިކަމަށް ޝައްކު ކުރެވޭ މަސްތުވާ ތަކެތި، ގާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ ށ. ގެ ދަށުން އަތުލުމަށްފަހު، އެ މީހާ އައި ފްލައިޓުން އެ މީހާ އަނބުރާ ފޮނުވައިލުން ކަމަށް ފެނިއްޖެނަމަ، އެކަން އެގޮތަށް ކުރުމުގެ އިހުތިޔާރު، ކޮންޓްރޯލަ އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ.
ށ. މި މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެމީހާ ދިވެހިރާއްޖެ އައި ފުލައިޓުން އެ މީހާ ރާއްޖެއިން ފޮނުވައިލަން ޖާގަ ނުލިބޭނަމަ، އެ މީހާ ދަތުރުކުރި އެއަރލައިނާ ނުވަތަ އެ މީހާއަކީ އޭޖެންޓެއް މެދުވެރިވެގެން ދިވެހިރާއްޖެ އައި މީހެއްނަމަ، އެ އެޖެންޓަކާ ވާހަކަދައްކައިގެން އެ މީހާ އަނބުރާ ފޮނުވައިލުމުގެ އިންތިޒާމާއި، އެ ހައިތަނަށް އޭނާ ބެހެއްޓުމުގެ އިންތިޒާމާއި، އެކަމަށް ޓަކައި ކުރަންޖެހޭ އެންމެހައި ހަރަދުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
ނ. މި މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ ފަދައިން އެ މީހާ ފޮނުވައިލެވެންދެން މޯލްޑިވްސް އިމިގްރޭޝަނުން އޭނާ ބަހައްޓަންޖެހޭ ހާލަތުގައި، އެ ބަހައްޓާ ތަނެއްގައި އޭނާ ހުންނައިރު، އޭނާގެ ރައްކައުތެރިކަން، ދިވެހި ފުލުހުންގެ ހިދުމަތުން ބަލަހައްޓަންވާނެއެވެ.












