މި ސަރުކާރުގެ ކޮންމެ އެގާރަ ދުވަހަކުން ތަރައްގީގެ މަޝްރޫއެއް އެބަ ނިންމާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މި ސަރުކާރުން ތަރައްގީ ކުރި "ކުޑަގިރި" އައިލެންޑް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ، އެމްޓީސީސީއަކީ މި ސަރުކާރުގެ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުނި ކަމަށެވެ.
"ރާއްޖޭގެ އެކި ސަރަހައްދުތަކުގަ މި ފަސް އަހަރު ދުވަހުގެ ތެރޭގަ 135 މަޝްރޫއެއް މި ކުންފުނިން އެކަނި ނިންމާ ރައްޔިތުންނާ ހަވާލުކޮށްފިން. މިހާރު ވެސް އަޅުގަނޑުމެން މިގެންދަނީ 130 މަޝްރޫއެއްގެ މަސައްކަތް ނިންމަމުން," އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރާއްޖޭގެ ދެކުނާއި އުތުރަށް އައިސްފައިވާ ތަރައްގީ އާއި، ކ. އަތޮޅުގެ މި ޕްރޮޖެކްޓަށް އެކަނި ބަލާލުމުން ވެސް ތަރައްގީގެ ހެޔޮ އަސަރު މުޅި ރާއްޖެއަށް ފެތުރުއްވި ރައީސަކީ ރައީސް ސޯލިހުކަން އެނގިގެންދާ ކަމަށެވެ.
އެގޮތުން ރައީސް ސޯލިހުގެ ސަރުކާރުގައި މާފުއްޓާއި، ހުރާ އަދި ގުރައިދޫގެ ބިން ހިއްކަވާ ދެއްވައި އެ ރަށުގެ ޕިކްނިން އައިލެންޑް ވެސް މި ދައުރުގައި ނިންމަވާފައިވާކަން ފާހަގަކުރެެއްވި އެވެ.

މީގެ އިތުރުން މިއަދު މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ހާއްސަކޮށް ހުޅުއްވައިދެއްވި ޕިކްނިން އައިލެންޑަކީ ރައީސްގެ ވައުދުފުޅާ އެކު ރައްޔިތުންނަށް ހަދިޔާކޮށްދެއްވި ރަށެއްކަން ފާހަގަކުރެއްވި އެވެ.












