އައްޑޫ ސިޓ މޭޔަރު އަލީ ނިޒާރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނު ބަހައްޓާފައި ނެންގެވި ލޯނެއް ނުދައްކައިގެން ބޭންކުން ދައުވާކުރުމުން ލޯނު ދެއްކެވުމާ ގުޅިގެން ދައުވާ ބާތިލުކޮށްފި އެވެ.
ދައުވާ ބާތިލުކޮށް ދޭން ބޭންކުން ސިވިލް ކޯޓަށް ބުދަ ދުވަހު ހުށަހެޅުމާ ގުޅިގެން ކޯޓުން ބުރާސްފަތި ދުވަހު ވަނީ ދައުވާ ބާތިލުކޮށްދީފަ އެވެ.
ބޭންކުން ނިޒާރަށް ދައުވާކުރީ ރަހުނު ބަހައްޓައިގެން ނެންގެވި 1،248،000 ރުފީޔާގެ ލޯނު އެއްބަސްވުމާ އެއްގޮތަށް ނުދައްކައިގެންނެވެ. އަދި ދައުވާކުރީ ލޯނަށް ދައްކަން ޖެހި ނުދެއްކި ބާކީ ހުރި އަދަދާއި ސާވިސް ޗާޖާއި، އިންޓްރެސްޓާއި، ޖޫރިމަނާ ފައިސާ އެކީ އެއް ފަހަރަކާ ނަގައި ދިނުމަށް އެދި އެވެ.
މޭޔަރު ނިޒާރު މި ލޯނު ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވި ދުވަސްވަރު އެވެ. އަދި ލޯނު ނެންގެވީ ލޯނާ ގުޅިގެން ހިތަދޫގައި އޮތް ނިޒާރުގެ ހިޔާލާ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ހިތަދޫގައި ކުރިން އޭނަ ހިންގެވި ކްރެސް ގާޑަން ރެސްޓޯރެންޓްގައިވާ އެންމެހާ މުދާ ބީއެމްއެލްއަށް ރަހުނުކޮށްފަ އެވެ.
ނިޒާރުގެ މި ލޯނުގެ މައްސަލަ ފެންމަތިވެ މީގެ ވާހަކަ މީޑިއާތަކުގައި ދެކެވުނު ދުވަސްވަރު ކުރީގެ ނައިބު ރައީސް އަތުން ފައިސާތަކެއް ހޯއްދަވަން އެ ދެ މީހުންގެ މެދުގައި މެސެޖުން ކުރެވުނު މުއާމަލާތްތަކެއް ވެސް އާންމުވެފައިވެ އެވެ.

އެގޮތުން ދަރަންޏެއް އަދާކުރުމަށްޓަކައި ވަރަށް ބޮޑު ކަމެއް ކޮށްދެއްވަން ޖެހޭ ކަމަށް ބުނެ އަދީބަށް 2014 ޖުލައި މަހުގެ ތެރޭގައި މެސެޖު ކުރައްވާފައިވެ އެވެ. އަދި އެ ވަގުތަށް ބޭނުން ވަނީ 250،000 ރުފިޔާ ކަމަށް ނިޒާރު ވިދާޅުވެފައިވެ އެވެ. އަދި އެ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި 70،000 ޑޮލަރުގެ ލޯނެއް ހޯދަން ވެސް ނިޒާރު އަދީބަށް މެސެޖުކުރައްވާފައިވާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.













