ޗައިނާގެ ހަންގްޒޫގައި މި އަހަރު ބާއްވާ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމުގެ ގޮތުން އެކި ގައުމުތަކުގައި ބާއްވަމުން އަންނަ "ފަން ރަން" ހުޅުމާލޭގައި މިއަދު ބާއްވައިފި އެވެ.
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތްކަމަށްވާ އޭޝިއަން ގޭމްސް އޮންނާނީ ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު 8 އަށެވެ. މި ގޭމްސްގައި ރާއްޖެ އިން އެކަނި ވެސް 11 ކުޅިވަރަކުން 200 އެއްހާ އެތުލީޓުން ބައިވެރިވާނެ އެވެ.
އޭޝިއަން ގޭމްސް އަކީ ދެ ވަނަ އަށް އެންމެ ބޮޑު ކޮންޓިންޖެންޓެއް ރާއްޖެއިން ވާދަކުރާ ގޭމްސް އެވެ. ރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ވާދަކުރާ ގޭމްސް އަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއަައިޖީ) އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އަދި ހަންގްޒޫ ގޭމްސް އޮގަނައިޒިން ކޮމިޓީ ގުޅިގެން ބޭއްވި މި "ފަން ރަން"ގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި ސްކޫލް ކުދިން ހިމެނޭހެން 700 އެއްހާ ކުދިން ބައިވެރިވި އެވެ.

ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވުނު ހަންގްޒޫ ގޭމްސްގެ "ފަން ރަން" ގައި ބައިވެރިވި ފަރާތްތައް ދުވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މީގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ)، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން އަދި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ބްރޯޑްކާސްޓް ޑިޕާޓްމަންޓް، ޖިއާން ޒޯގެ އިތުރުން ހަންގްޒޫ ގޭމްސްގެ ޑިރެކްޓާ އޮފް ކޯ ހޯސްޓް ސިޓީ ޑިޕާޓްމަންޓް، ސޮންގް ޖިއަންބޯވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިއަދު ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ކުރިއަށްދިޔަ މި ހަރަކާތާ ގުޅޭގޮތުން އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، އޭޝިއަން ގޭމްސް ކަހަލަ ބޮޑު ހަރަކާތެއް ޕްރޮމޯޓްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި ހުޅުމާލޭގައި މިއަދު ކުރިއަށްގެންދިޔަ މި "ފަން ރަން"ގެ ސަބަބުން ރާއްޖެއިން ވެސް މި ކަމަށް އަހަމިއްޔަތުކަން ދޭ މިންވަރު ފެނިއްޖެ ކަމަށް ސައްތާރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުން މި ހަރަކާތުގައި ބައިވެރިވުމުގެ ސަބަބުން އެ ކުދިންނަށް ވެސް ކުޅިވަރުގައި ހުރި ފުރުސަތުތައް އެނގި، ކުޅިވަރުގެ ތެރެއިން ކުރިއަށްދާން ހިތްވަރު ލިބުނު ކަމަށެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ނައިބު ރައީސް އަހުމަދު އިސްމާއިލް އަދި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
"އަސްލު މިއީ ވަރަށް މުހިންމު ކަމެއް. ކުޅިވަރުތަކުގައި ހުރި ފުރުސަތުތައް ކުދިންނަށް ވެސް އިނގޭނެ. އަނެއްކޮޅުން މިކަހަލަ ގޭމްސްތަކުގެ މަގުބޫލުކަން އިތުރުކުރުމަށް ވެސް މި ހަރަކާތްތަކުގެ ސަބަބުން ފައިދާ ކުރާނެ" ދާދި ފަހުން، ކެމްބޯޑިއާގައި ބޭއްވި ފަން ރަންގައި ވެސް ބައިވެރިވެވަޑައިގެންނެވި ސައްތާރު ވިދާޅުވި އެވެ.
އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމުގެ ގޮތުން ބޭއްވި "ފަން ރަން"ގައި ބައިވެރިވި ފަރާތްތަކަށް އެކަމުގެ ހަނދާނީ "ޓޯކެން"އެއްގެ ގޮތުން ހާއްސަ މެޑަލް އެއް ވަނީ ދީފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަންގްޒޫގައި ބާއްވަން އޮތް ގޭމްސް މި އަހަރަށް ފަސްކުރަން ޖެހުނީ ޗައިނާގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުންނެވެ. މި އަހަރުގެ ގޭމްސް ޕްރޮމޯޓް ކުރަން އެކި ގައުމުތަކުގައި "ފަން ރަން" ބޭއްވޭއިރު، އޭގެ ތެެެރެއިން ހިނގާ ހަރަކާތްތަކުގެ ސަބަބުން ގޭމްސް އިތުރަށް ފުރިހަމަ ކަމާ އެކު ކުރިއަށްގެންދަން ހިތްވަރު ލިބޭ ކަމަށް ސޮންގް ވަނީ ވިދާޅުވެފަ އެވެ.












